ސްޕެނިޝް ލަލީގާގައި 1-3 ގެ ނަތީޖާއިން ރިއަލް މެޑްރިޑް އަތުން ބަލިވެ ތާލަވުގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ވިލަރެޔާލަށް ގެއްލިއްޖެ އެވެ.
ސެންޓިއާގޯ ބާނެބޫގައި ކުޅުނު މި މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް ގޯލަށް ފޮނުވާލާފައިވަނީ މެޑްރިޑުންނެވެ. ޖުމްލަ 17 ހަމަލާ މެޑްރިޑުން ފޮނުވާލާފައިވާއިރު ވިލަރެޔާލަށް ފޮނުވާލެވުނީ ފަސް ހަމަލާއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެޑްރިޑުން ވަނީ ގޯލެއް ޖަހައި ލީޑު ނަގާފައެވެ. އެމްބާޕޭ ގެ އެހީތެރިކަމާއެކު މި ގޯލު ޖަހާފައިވަނީ ވިނީޝިއަސް ޖޫނިއަރ އެވެ. މެޗުގެ ދެވަނަ ގޯލު ވެސް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރީ ވިނީޝިއަސް އެވެ. ޕެނަލްޓީ ލިބުނީ ވެސް އޭނައަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ވިލަރެޔާލްގެ ހަމައެކަނި ގޯލު ގުޔޭގެ އެހީތެރިކަމާއެކު 77 ވަނަ މިނެޓުގައި ކމިޔާބުކުރީ މިކާއުޓާޒޭ އެވެ. އެ ކުލަބުގެ ސެންޓިއަގޯ މޮރީނޯއަށް ވަނީ ވިނީޝިއަސް އަށް ކުރި ފައުލަކާ ގުޅިގެން ދެ ރީދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޑްރިޑުގެ ތިންވަނަ ގޯލު 81 ވަނަ މިނެޓުގައި ބްރަހިމް ޑިއާޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެމްބާޕޭ އެވެ. މި ގޯލާއެކު ލަލީގާގައި އެމްބާޕޭ ޖެހި ގޯލުގެ އަދަދު މިވަނީ ނުވައަކަށް އަރާފައެވެ. އަދި ވިނީޝިއަސް ފަސް ގޯލާއެކު ލިސްޓުގެ ތިން ވަނައަށް ވަނީ ޖެހިލާފައެވެ.
މި މޮޅާއެކު މެޑްރިޑަށް ވަނީ އަށް މެޗުން 21 ޕޮއިންޓް ލިބިފައެވެ. މިރޭ ސެވިއްޔާ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ އަނެއްކާވެސް ތާވަލުގެ އެއްވަނައިގެ މަގާމު އެ ކުލަބަށް ލިބޭނެއެވެ. ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 19:15 ގައެވެ.