އިސްރާއިލުން ހިސޯރުކޮށްފައިވާ ގައްޒާއަށް އެހީ ހިފައިގެންދާ ފްލޮޓިއްލާ މޫވްމަންޓަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.
އައިއޭސީއިން ސޯޝަލް މީޑިއާއަށް ދޫކުރި ޕޯސްޓެއްގައި ބުނީ "ގްލޯބަލް ފްލޮޓިލާ މޫވްމަންޓް" ގެ ހުރިހާ ކަމެއްގައި ފެށުނީއްސުރެ ދިވެހި ސަރުކާރުގެ ފަރާތުން އައިއޭސީއަށް ބޭނުންވާ ހުރިހާ އެއްބާރުލުމެއްދީ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޮބްޒާވާ ބޯޓެއްގައި ރާއްޖެއިން އައިއޭސީގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް ޝާޒް ފްލޯޓިލާގައި ބައިވެރިވުމާ ގުޅިގެން، އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ފޮރިން މިނިސްޓްރީގެ އިސްވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އައިއޭސީގެ ޕޯސްޓުގައިވެ އެވެ.
"މިނިސްޓްރީން މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަ. އަދި ބައިނަލްއަގްވާމީ މައިދާނުގައި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވޭ." އައިއޭސީގެ ޕޯސްޓުގައިވެ އެވެ.
އިސްރާއިލު ސިފައިން ރޭގައި ވަނީ އެ ބޯޓުތަކަށް އަރައި އަނިޔާވެރި ގޮތަކަށް ބައެއް މީހުން ހައްޔަރުކޮށް، ހަ ވަރަކަށް އުޅަނދު އިސްރާއިލުގެ ބަނދަރަށް ގެންގޮސްފައި އެވެ.