ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ އަމާޒު ހިފާފައިވާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ އަށް އިސްރާއީލުގެ ބާރުތަކުން ޙަމަލާދީ ފެން ޖަހައި ބޯޓުތައް ފައްތަން މަސައްކަތްކޮށް، އެއަށްފަހު ގަދަކަމުން ބައެއް ބޯޓުތަކަށް އަރައި އެކްޓިވިސްޓުންތައް ހައިޖެކް ކޮށްފައިވާއިރު، ޔަހޫދީ ސިފައިންގެ އަމުރަށް ތަބާ ނުވެ، ބިރު ފަހަނައަޅައި ތިރީހަކަށް އުޅަނދު ޣައްޒާ އަށް ވަނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
ރާއްޖޭގެ ގަޑިން ހެނދުނު 8 ޖެހިއިރު ޕްރޮފެސަރު ޑރ ޒަހީރާ ވިދާޅުވީ 15 އުޅަނދެއް މިހާރު ވަނީ އިސްރާއީލުގެ ބެލުމުގެ ދަށުގައެވެ. ޒަހީރާ އިންނެވީ ފްލޮޓިއްލާގައެވެ.
އިސްރާއީލުގެ ބެލުމުގެ ދަށުގައި މި ވަގުތު 200 އަށް ވުރެ ގިނަ އެކްޓިވިސްޓުން އެބަތިއްބެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ އެކްޓިވިސްޓުން ހިމެނޭއިރު، ސްވިޑެންގެ ގްރެޓާ ތަންބަރގް އަކީ އެކަކެވެ. ބައެއް ނުރަސްމީ ޗެނަލްތަކުން ބުނާ ގޮތުގައި ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވިލާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ. ތިއާގޯގެ އިންސްޓަގްރާމަށް ބަލާއިރު އޭނާ ޕޯސްޓެއް ނުކުރާތާ 15 ގަޑިއިރު ވެއްޖެއެވެ. ތިއާގޯ އަކީ މިދިޔަ ޖޫންމަހުގެ ފްލޮޓިއްލާގައި އިސްރާއީލުން ހައްޔަރުކޮށް ޑީޕޯޓް ކޮށްލި އެކްޓިވިސްޓެއްކަން ފާހަގަ ކުރެވެއެވެ.

ބްރެޒިލްގެ އެކްޓިވިސްޓް ތިއާގޯ އަވިލާ
އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ފްލޮޓިއްލާގެ އުޅަނދުތައް ވަށާލައި ޑްރޯން ބޭނުންކޮށްގެން އެޓޭކް ކޮށްފައެވެ. ބޯތުތަކަށް ފެން ޖަހައި މުވާޞަލާތީ ވަޞޯލަތްތައް ޖޭމަކޮށް އަދި އުޅަނދުތަކަށް ހަތިޔާރާއި އެކު އަރައި އިސްރާއީލުގެ އަޝްދޫ ސިޓީގެ ބަނދަރަށް ވަނީ ބޯޓުތައް ޓޯކޮށްފައެވެ.
ދިވެހިރާއްޖެއާއި ތުރުކީވިލާތާއި، ސްޕެއިން، އަދި މެލޭޝިއާ އާއި ކޮލަމްބިގެ އިތުރުން އިޓަލީ ފަދަ ގައުމުތަކުން ވަނީ ފްލޮޓިލާގައި ބައިވެރިވާ ރައްޔިތުންގެ ސަލާމަތާއި މެދު ކަންބޮޑުވުން ފާޅުކޮށް އިސްރާއީލުގެ ޢަމަލު ކުށްވެރިކޮށްފައެވެ.









