ޣައްޒާއަށް ވަންނަން މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތައް އިސްރާއީލުގެ ސިފައިން ހައިޖެކް ކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ފްލޮޓިއްލާގެ މަދުވެގެން 6 އުޅަނދެއް މިވަގުތު ވަނީ އިސްރާއީލުގެ ބަނދަރަށް ގެންގޮސްފައެވެ. އަދި ބައެއް މީހުން ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ހައްޔަރުވެސް ކޮށްފައެވެ.
50 އަށް ވުރެ ގިނަ ދޯންޏާއި 40 އަށް ވުރެ ގިނަ ޤައުމުން ގާތްގަނޑަކަށް 500 އެކްޓިވިސްޓުން ހިމެނޭ މި ފްލޮޓިއްލާ އާއި ދެކޮޅަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ބާރުގެ ބޭނުންކޮށް ފެން ޖަހައި ރޭޑިއޯ ސިގްނަލް ކަނޑައި އަދި އެންމެ ފަހުން ބައެއް އުޅަނދުތަކަށް އުރުވައި އަދި އުޅަނދުތަކަށް ހަތިޔާރާއި އެކު އަރައި އެކްޓިވިސްޓުން ހައްޔަރުކުރަން ފެށީ ޣައްޒާ އާއި ގާތްގަނޑަކަށް 60-75 ނޯޓިކަލް މޭލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެއާއި އެކު ރިޕޯޓްތައް ބުނާ ގޮތުގައި ފްލޮޓިއްލާގެ ގިނަ އުޅަނދުތައް މިހާރު ވަނީ އިސްރާއީލުގެ އިންޒާރުތަކަށް ތަބާވެ، ޣައްޒާ އަށް ވަނުން ކެންސަލް ކޮށްފައެވެ.
ބައިނަލްއަޤްވާމީ ޞުމޫދު ފްލޮޓިއްލާގެ މި ދަތުރު ފެށުމުގެ ކުރިން ވެސް ޒައެނިސްޓް ޖަމާޢަތުން ވަނީ އުޅަނދުތައް އަތުލައި އެކްޓިވިސްޓުން ހައި ސެކިއުރިޓީ ޖަލަކަށް ލުމަށް ޕްލޭން ކޮށްފައިކަން ފާހަގަ ކުރެވެއެވެ.
އެކްޓިވިސްޓް އީވާ ޖޭސީވިޗުގެ ފަރާތުން ކަށަވަރުވާ ގޮތުގައި ދެ އުޅަނދެއް އިސްރާއީލުގެ އިންޒާރަކަށް ބެލުމެއް ނެތި (ވަރަށް ގަޓުގައި) ޣައްޒާ އަށް ވަންނަން އެބަ މަސައްކަތް ކުރެއެވެ. އެއީ މެޓެކް އާއި ‘އޯލް އިން’ ނަމަކަށް ކިޔާ ޔޮޓެކެވެ.
ޚަބަރުތައް ބުނާ ގޮތުގައި އަލްމާ، ސިރިއަސް، އަދި އަދަރާ ފަދަ ބޯޓުތައް ހިމެނޭ ގޮތަށް މަދުވެގެން ހަ ބޯޓެއް އަތުލައިގެންފައި ވާއިރު، މި ބޯޓުތައް މިހާރު އިސްރާއީލުގެ ބަނދަރު ސިޓިއެއް ކަމަށްވާ އަޝްޑޯދަށް ވަނީ ގެންގޮސްފައެވެ. ސިރިއަސް ބޯޓުގައި ތިބި މީހުން ވަނީ އެ މީހުންގެ ސަލާމަތްކަން ކަށަވަރުކޮށް އަދި އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން މިންޖުކޮށްދިނުމަށް އެދި އިސްރާއީލަށް ޕްރެޝަރު ކުރުމަށް ޤައުމުތަކަށް ވީޑިއޯ މެސެޖުގެ ޒަރީޢާއިން އަންގާފައެވެ. އެ ވީޑިއޯ ޚުލާސާ ފޭސްބުކްގައި މިހާރު ވަނީ އަޕްލޯޑް ކޮށްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާއިރު، އަނެއް ބަޔަކު ވަނީ ޑިޕޯޓް ކުރުމަށް ބަންދުކޮށްފަ އެވެ. ޑީޕޯޓްކޮށްލަނީ ކިތައް ސަތޭކަ މީހުން ކަމެއް އަދި ހައި ސެކިއުރިޓި ޖަލަކަށް ބަދަލުކުރާނީ ކިތައް އެކްޓިވިސްޓުން ކަމެއް އަދި ނޭނގެއެވެ. ހައްޔަރުކުރި މީހުންގެތެރޭގައި ސްވިޑެންގެ ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތުންބަރގް ވެސް ހިމެނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވަނީ އިސްރާއީލުން ފްލޮޓިއްލާ ހުއްޓުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމަށާއި އިންސާނީ އެހީތެރިކަމުގެ މަސައްކަތްތަކަށް ދިން ޙަމަލާއެއް ކަމަށް ބުނެ އެ ޢަމަލު ކުށްވެރިކޮށްފައެވެ.









