343 ބައިވެރިންނާއި އެކު ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާފިލާފުށީގައި މިތޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.
އިސްލާމީ ގިއުގަނޑުގެތެރޭގައި، ދީނާއި ޤައުމު ދެކެ ލޯބިވާ ހަރުދަނާ ޖީލެއް ބިނާކުރުމުގެ ދުރުރާސްތާ ޕްލޭނުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެންބަރު 3 ގައި ރައީސް އިޢުލާނު ކުރެއްވި މި ޕްލޭނުގެ އެންމެ ބޮޑު އެއް މިޝަން އަކީ ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުންތަކެއް ބިނާކޮށް ތަރައްޤީކުރުމެވެ.
ދިވެހި ވަޠަނީ ޚިދުމަތް މާމިލާފުށީގައި އިފްތިތާޙްކުރުމުގެ ޖަލްސާގެ ތެރެއިން
ދިވެހި ވަޠަނީ ޚިދުމަތަށް ކުރިމަތިލުމަށް ހުޅުވާލުމުން 1242 ޒުވާނުން ވަނީ ކުރިމަތިލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވެވިއެވެ. މި އިވެންޓް ފެށުމުގެ ކުރިން އެ މަނިކުފާނު ސޯޝަލްމީޑިއާގައި ވިދާޅުވީ ކުރިމަތިލި ޒުވާނުންގެ ތެރެއިން ފުރަތަމަ ބުރަށް ހޮވާލާފައި ވަނީ 343 ޒުވާނުންނެވެ.
މާފިލާފުށީގައި މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުން (ޖުމްލަ 107 ރަށަކުން)، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ޒުވާން ފިރިހެނުން ވަނީ ތަމްރީނަށް ގޮސްފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގައި ޙާޞިލް ކުރަން ބޭނުންވާ މަޤްޞަދުތައް:
1. ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުން.
2. ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން.
3. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
4. ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
5. ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
6. ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ބެޗުގެ ތަމްރީނު ޕްރޮގްރާމްގައި ފިޒިކަލް ފިޓްނަސް، ލީޑަޝިޕް، ޑިޒާސްޓާ ރެސްޕޮންސް، އަދި ކޮމިއުނިޓީ ސާވިސް އަށް އަލިއަޅުވާލާނެ އެވެ.
މީގެ އިތުރުން އިސްލާމް ދީނަށް އަހުލުވެރިކުރުވުމުގެ ޚާއްޞަ ކުލާސްތަކެއް ނަގާނެއެވެ.