ޑަޗް ޝިޕިން ކުންފުނި ސްޕްލިތޯފް އިން އޮޕަރޭޓްކުރާ އެމްވީ މިނޭވަރޚަރތު: މި ބޯޓަށް ޙަމަލާދީ ރޯކޮށްލައިފި. / ފޮޓޯ: ސްޕްލިތޯފް
ޔަހޫދީންގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙް ހޫނުވެފައިވާއިރު ޔަމަންގެ ސަރަޙައްދުން ދަތުރުކުރަމުން ދިޔަ ނެދަރލެންޑްސްގެ އާގުބޯޓަކަށް ޙަމަލާ ދީ އެ ބޯޓުގައި ރޯކޮށްލައިފިއެވެ.
މި ޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނުނަގާއިރު މި ވަގުތުވެސް ’އެމްވީ މިނޭވަރޚަރތު'ގެ ނަން ދީފައިވާ އެ ބޯޓުގައި ދަނީ ރޯވަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ޢަދަން ކަނޑުގައި ދަތުރުކުރަމުންދިޔަ މި ބޯޓަށް ދިން ޙަމަލާގައި ދެފަޅުވެރިން ޒަޚަމް ވެފައި ވާއިރު، އަލިފާން ރޯވުމާއި ގުޅިގެން އޭގައި ތިބި 19 ފަޅުވެރިން ވަނީ ހެލިކޮޕްޓަރެއް މެދުވެރިކޮށް ސަލާމަތްކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.
މި ޙަމަލާ ދިން އިރު، އެ އުޅަނދު ދަތުރުކުރަމުން ދިޔައީ ޔަމަންގެ ޢަދަން ބަނދަރާއި 128 ނޯޓިކަލް މޭލު އިރުދެކުނުންނެވެ. އޭގައި ތިބީ ރަޝިޔާ، ޔޫކްރެއިން، ފިލިޕީންސް އަދި ސްރީ ލަންކާއަށް ނިސްބަތްވާ ފަޅުވެރިންނެވެ.
މި ޙަމަލާގެ ފަހަތުގައި ޙޫޘީ ޖަމާޢަތް އޮތްކަން ނުވަތަ ނޫންކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޙޫޘީން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭން ފަށާފައެވެ. މިއީ ފަލަސްޠީނުގެ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ޙޫޘީން ހިންގަމުންދާ އޮޕަރޭޝަނެއްގެ ބައެކެވެ.
ޑަޗް ޝިޕިން ކުންފުނި ސްޕްލިތޯފް އިން ހިންގާ މި ބޯޓުގައި ހުރި މުދަލާއި ބެހޭ ތަފްޞީލެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ.