އިންޑޮނޭޝިއާގެ އިރުމަތީ ޖާވާގައި ހިންގަމުންދާ އަލް ޚޯޒިނީ އިސްލާމިކް ބޯޑިން ސްކޫލް ވެއްޓި 38 ކުދިން ގެއްލި 99 ކުދިން ޒަޚަމްވެ 1 ކުދިން ޝަހީދުވެއްޖެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ޙާދިސާ ހިނގީ އިއްޔެ އެ ސްކޫލްގެ ދަރިވަރުން މެންދުރު ނަމާދު ކުރަން ދެވަނަ ފަންގިފިލާގައި ތިއްބައެވެ. އެ ވަގުތު ނަމާދު ކުރުމަށް 12 އަހަރާއި 17 އަހަރާއި ދެމެދުގެ 100 އަށް ވުރެ ގިނަ ކުދިން ތިބި ކަމަށް ވެއެވެ.
އިންޑޮނޭޝިއާގެ އަލް ޚޯޒިނީ އިސްލާމިކް ބޯޑިން ސްކޫލް ޢިމާރާތް ވެއްޓިފައި / ފޮޓޯ: އޭޕީ
އެ ބޯޑިންގ ސްކޫލް ޑިޒައިން ކޮށްފައި ވަނީ ދެޖިންސްގެ ކުދިން ވަކިން ތިބެވޭ ގޮތަށް ކަމަށް ވާތީވެ، މި ހާދިސާގައި އަންހެން ދަރިވަރުން ވަނީ ސަލާމަތްވެފައި ކަމަށް ޚަބަރުތައް ބުނެއެވެ..
ދެހާހަށް ވުރެ ގިނަ ދަރިވަރުން ދިރިއުޅެމުންދާ މި ބޯޑިންގ ސްކޫލުގެ ވެއްޓުނު ޢިމާރާތަކީ ހުއްދަ ނުނަގައި ހަދާފައިވާ ޢިމާރާތެއް ކަމަށްވާއިރު، ޢިމާރާތް ވެއްޓުނީ ފައުންޑޭޝަނުގެ ބާރު ދެރަވުމުގެ ސަބަބުން ކަމަށް އިންޑޮނޭޝިއާގެ ފުލުހުން ބުނެއެވެ.
1927 ވަނަ އަހަރު އުފެއްދި އަމިއްލަ ޖަމާޢަތަކުން ހިންގާ މި ސްކޫލަކީ އީސްޓް ޖާވާގެ އެންމެ ދުވަސްވީ އެއް އިސްލާމީ ބޯޑިން އިންސްޓިޓިއުޝަނެވެ.