އޯޕަން ވިސާގައި ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ޑީޕޯޓުކުރަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 14 ގަޑިއިރު ކުރިން - 30 ސެޕްޓެންބަރު 2025 13:25
ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި: ފޮޓޯ/ އިންޓަނެޓް---
ބިދޭސީންތަކެއް ޖުމްހޫރީ މައިދާނުގައި: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މި މަސައްކަތުގެ މަގްސަދަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުން.

ގަވާއިދާ ހިލާފަށް އޯޕަން ވިސާގެ ނަމުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މީގެތެރޭގައި އެންމެފަހުން ފެށިފައިވަނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިސާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިސާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުންގެންދާކަން ކަމަށެވެ.

ގަވާއިދާ ހިލާފަށް އޯޕަން ވިސާގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާ ކަަމަށާއި، އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ހޯދި، ނަމަވެސް، މިއީ ގާނޫނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޯޕަން ވިސާގެ ނަމުގައި ރާއްޖޭގައި ބިދޭސީން މަސައްކަތްކުރުމަކީ ގާނޫނީގޮތުން ހުއްދަ ކަމެއް ނޫން ކަމައްކަމަށާއި، ބިދޭސީ މުވައްޒަފުންނަށް މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އެމީހުންނަށް ވިސާ ދޫކޮށްފައިވާ ތަނުގައި ހުއްދަ ދޫކޮށްފައިވާ މަސައްކަތެއް ކުރުމަށް އެކަނި ކަމަށް އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ. މިކަމަށް ސަމާލުވެ، ވަޒީފާދޭ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ މުވައްޒަފުން އެހެން ތަންތަނަށް މަސައްކަތްކުރަން ނުފޮނުވުމަށް އިލްތިމާސްކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަނިކޮށް ފާހަގަކުރެވިއްޖެނަމަ، އެފަދަ މުވައްޒަފުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އަނބުރާ އަމިއްލަ ގައުމަށް ފުރުވާލެވޭނެ ކަމަށާއި އަދި ވަޒީފާ ދިން ފަރާތަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، މި މަސައްކަތުގެ މަގްސަދަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ގާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކޮށް، ގައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުން ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް މިކަމުގައި ޒިންމާދާރުވުމަށް އިމިގްރޭޝަންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%