މޭޔަރު އާޒިމް އާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލައެއް، ހުޅުމާލެއިން ގަތް ބިމުގެ އަގާއި ޑޮކިއުމަންޓްތައް ވެސް ވަނީ އޮޅުވާލާފަ

އައިޝަތު ޝިފްނާ ހުސައިން | 65 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2025 00:12
މާލޭގެ މޭޔަރު އާދަމް އާޒިމް----
މާލޭގެ މޭޔަރު އާދަމް އާޒިމް----
ޚުލާސާ

11 މިލިއަނަށް ގަތް ބިމުގެ މުއާމަލާތުގެ އަސްލު އެޗްޑީސީއަށްވެސް ސިވިލް ކޯޓަށްވެސް އޮތީ އޮޅުވާލާފަ.

މާލޭގެ މޭޔަރު އާދަމް އާޒިމް މަނީ ލޯންޑަރު ކުރި ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ. މިއީ އާޒިމް އާއި އަނބިކަނބަލުން އާއިޝަތު ނަޝީދާ އަދި އިތުރު މީހަކު ހިމެނޭ ގޮތަށް ހުޅުމާލެއިން ބިމެއް ގަނެ ވިއްކުމަށް ކުރިއަށްގެންދިޔަ މުއާމަލާތެެއްގެ ތެރެއިން ހިންގާފައިވާ މަނީ ލޯންޑަކުރުމުގެ މައްސަލައެކެވެ.

މި މުއާމަލާތާއި ގުޅުުންހުރި ބައެއް ލިޔެކިޔުންތަކާއި ފައިސާގެ މުއާމަލާތްތަކާއި ގުޅިގެން އީމެއިލް ޒަރީޔާއިން ބޭންކާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގެ ކޮޕީ "ހުލާސާ" އަށް ވަނީ ލިބިފަ އެވެ. އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މިއީ މިދިޔަ އަހަރު އާޒިމްގެ އަނބިކަނބަލުން ނަޝީދާގެ ނަމުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ބިމެއް ވަނީ ގަނެފަ އެވެ. އެއީ ހުޅުމާލެ ލޮޓް ނަންބަރު 11104 އެވެ.

ލިޔެކިޔުންތަކުގައި ވާގޮތުން ނަޝީދާ ނަންމަތީގައި މަތީގައި މި ބިން ގަތީ، އަބްދުالله ޒިޔާމް، މއ. ފޮގެޓްމީނޮޓް ގެ އަތުންނެވެ. އެ ބިމަކީ 2012 ވަނަ އަހަރު ޒިޔާމަށް އެޗްޑީސީން ދޫކުރި ބިމެކެވެ. އެޗްޑީސީން އެ ބިން ޒިޔާމް ގަނެފައިވަނީ ލޯން އިންސްޓޯލްމަންޓްގެ އުސޫލުންނެވެ. ވޭތުވެދިޔަ މުއްދަތު ތެރޭގައި އޭނާ އެކިފަހަރު މަތިން ބަހާލައިގެން އެޗްޑީސީއަށް ފައިސާދައްކަމުން ދިޔަކަމަށް ޑޮކިއުމަންޓުތަކުން ދައްކަ އެވެ. ނަޝީދާ އަށް އެ ބިން ވިއްކި އިރު އެޗްޑީސީއަށް ޒިޔާމް ނުދައްކާ ހުރީ 489،717.84 ރުފިޔާ އެވެ.

އެ ގޯތި ވިއްކުމަށް ޒިޔާމާއި، މޭޔަރު އާޒިމް މަޝްވަރާކޮށް، ބިމިގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 11.4 މިލިއަން ރުފިޔާ އެވެ. އަދި އެ ފައިސާ އާޒިމް ޒިޔާމށް ދެއްކުމުން، ޒިޔާމު ވަނީ އެޗްޑީސީއަށް ދައްކަން ޖެހޭ ހަތަރު ލައްކަ ރުފިޔާ އެކީ އެއްފަހަރާ ދައްކައި ހަމަ އެ ދުވަހު އެ ބިން އާޒިމްގެ އަނބިކަނބަލުންގެ ނަންމައްޗަށް ބަދަލުކޮށް ރަޖިސްޓްރީކޮށްދިނުމަށް އެދި އެޗްޑީސީއަށް ސިޓީއެއް ހުށަހަޅައިފައި އެވެ. އެ ސިޓީގެ ކޮޕީވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

ނަމަވެސް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ގަޒިއްޔާގައި ބުނެފައިވާ ގޮތުގައި ޒިޔާމް އެ ބިން ނަޝީދާ އަށް ވިއްކާފައިވަނީ 2.788 މިލިއަން ރުފިޔާ އަށެވެ. ސިވިލް ކޯޓުން އެ ބިން ނަޝީދާގެ ނަމަށް ބަދަލުކޮށް 2024 ޑިސެމްބަރުގައި ކުރި ހުކުމް ކަނޑައެޅީވެސް އެ އަގުގައި އޭނާ އެބިން ގަތް ކަމަށެވެ. މިއީ މި ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ޒިޔާމް އެޗްޑީސީއަށްވެސް މައުލޫމާތު ދިން ގޮތެވެ.

ނަމަވެސް މި ބިން ވިއްކުމަށް ޒިޔާމް އާއި މޭޔަރު އާޒިމް ވާހަކަ ދެކެެވި ނަޝީދާ ނަމުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް މި ނޫހަަށް ލިބިފައިވާއިރު އޭގެން އެނގޭ ގޮތުގައި އެ ބިން ވިއްކި އަސްލު އަގަކީ 11،441،200 އެވެ.

އެކަން ފަޅާއެރީ ބިން ގަންނަން މޭޔަރު އާޒިމް ޒިޔާމަށް ދިން ނަގުދު ފައިސާ އޭނާ ބޭންކަށް އެކި އަދަދު ތަކުން ޖަމާކުރަން ފެށުމުން، ބޭންކަށް އެ މުއާމަލާތްތަކަށް ޝައްކު އުފެދި އެ މުއާމަލާތްތަކާއި ގުޅޭ ލިޔެކިޔުން ހުށަހަޅަން ޒިޔާމަށް އެންގުމުންނެވެ. ބޭންކަށް އޭނާ ހުށަހަޅާފައިވަނީ ބިން ވިއްކުމަށް އޭނާ ވެފައިވާ އެއްބަސްވުމުގެ ލިޔެކިޔުމެވެ. ބިން ވިއްކުމުގެ މުއާމަލާތުގެ އަސްލު ބޭންކަށާއި އެޗްޑީސީ އަދި ސިވިލް ކޯޓަށްވެސް އޮޅުވާލާފައިވާއިރު މިއީ ސީދާ މަނީ ލޯންޑަރިންގެ މައްސަލައެއްކަން ހާމަވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%