އާބާދީ ތަރައްގީ އެއްފަސްކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އާބާދީ ތަރައްގީ އެއްފަސްކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމަށާ، އެހެންނަމަވެސް އެކަމަކީ ރައްޔިތުން އަމިއްލައަށް ބޭނުންވެގެން ކުރާނެ ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން، އާބާދީ ތަރައްގީ އެއްފަސްވުމަށް ކުދި ރަށްރަށުގެ ރައްޔިތުން އެއްކޮށް އެ ރަށް ދޫކޮށް ބޮޑުރަށަކަށް އަދި ހިދުމަތްތައް ގާއިމުވެފައި އޮންނަ ރަށްތަކަށް ބަދަލުވުމަށް މި ސަރުކާރުން ހިތްވަރުދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
އާބާދީ ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުފަދަ މަޝްރޫއުތަކުގެ ތެރޭގައި ކިނބިދޫއާ ވޭމަންޑޫއާ ގުޅާލާ ކޯޒްވޭ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ކޯޒްވޭގެ ސަބަބުން ކިނބިދޫއާ ވޭމަންޑޫ ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް ލިބި، ހިޖުރަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެކަމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ރޭގަ ވާނީ މިކަން ދާގޮތް ތަފްސީލުކޮށް ބަޔާންކޮށްދީފަ ވޭމަންޑޫގަ އޮތް ޖަލްސާގަ، މިހާރު ބަޔަކު ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދަން އިއުލާންކުރި، އަޅުގަނޑުމެން މަސައްކަތް މިކުރަނީ އިންވެސްޓާ ފައިނޭންސް މޮޑެލްއެއްގެ ތެރެއިން އެލާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓަށް ދީގެން އެ ޕްރޮޖެކްޓްގެ ތެރެއިން މި ދެ ރަށް ގުޅޭނެގޮތަށް މަސައްކަތްކުރުމަށް ވަރަށް ބައިވަރު ޑިސްކައުންޓުތައް ހިމެނޭގޮތަށް މުޅި އަތޮޅަށް އަޅުގަނޑުމެން މިހާރު ޓޫރިޒަމް ފުޅާކުރުމަށް ވަރަށް ބައިވަރު ޑިސްކައުންޓުތައް ދީފިން ރޭގަ އަޅުގަނޑު އެ ތަފްސީލުތައް ކިޔައިދިނިން." --- ރައީސް ޑރ. މުއިއްޒު ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
ކިނބިދޫ-ވޭމަންޑޫ ގުޅާލާ ކޯޒްވޭގެ މަޝްރޫއު ޕްލޭންކުރެވިފައިވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވައިފަ އެވެ.