ސީރިއާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި ފެށޭ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިއީ އަވަށްޓެރި ޤައުމުތަކާއި އަދި ހުޅަނގުގެ މަދަދާއި އެކު ހަނގުރާމަވެރި ގުރޫޕުން އެ ޤައުމަށް އަރައިގަނެ ވެރިކަމުގައި ހުންނެވި ބައްޝާރުލް އަސަދު އެ ޤައުމުން ފައްސާލުމަށްފަހު ހަނގުރާމަވެރި ގްރޫޕުން ވެރިކަން ނިގުޅައިގަނެ، އެ ޤައުމުގައި ބާއްވާ ފުރަތަމަ ޢާންމު އިންތިޚާބެވެ.
ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު، ސަރުކާރުން ބުނާ ގޮތުގައި މަޖިލީހުގައި 210 މެންބަރުން ތިބޭނެއެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި އަސަދާއި ގުޅުން ބާއްވާ އެއްވެސް މީހަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. އަދި 2011 ވަނަ އަހަރަށް ފަހު މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް ވެސް އަސަދުގެ ސަރުކާރަށް ތާއީދު ކުރާނަމަ މި އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މީގެ އިތުރުން ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ޝަރާޢުގެ ސަރުކާރުން ޤަބޫލުކުރާ ފަރާތްތަކުގެ މެންބަރުންނާއި، ސަލާމަތީ ބާރުތަކުގެ މިހާރުގެ މެންބަރުންގެ އިތުރުން ވަޒީރުންނާއި، ގަވަރުނަރުންނާއި، އެމީހުންގެ ނައިބުން ނުވަތަ އެހީތެރިންނަށް ވެސް މި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތެއް ނެތް ކަމަށް ސީރިއާގެ ސަރުކާރުން ބުނެއެވެ.
ކުރިއެކޭވެސް އެއްފަދައިން މި އިންތިޚާބުގައި ވެސް އަންހެނުންނަށް ވާދަކުރެއެވެ. ނަމަވެސް އަސަދުގެ ވެރިކަމާއި ޚިލާފަށް މިފަހަރު އަންހެނުން ބާރުވެރި ކުރުވުމަށް ޝަރާޢުގެ ސަރުކާރުން ބޭނުމެވެ. އެ ގޮތުން ސީރިއާގެ ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ 20 ޕަސެންޓަކީ އަންހެނުން ކަމުގައި އެ ޤައުމުން ވަނީ މިހާރު ލާޒިމް ކޮށްފައެވެ. ކުރީގެ ވެރިޔާ ބައްޝާރުލް އަސަދުގެ ވެރިކަމުގައި ވެސް މަޖިލީހަށް ވާދަކުރުމުގައި އަންހެނުންނަށް ފުރުޞަތު އޮތަސް، ވަކި ޕަސެންޓޭޖެއްގެ އަންހެން ކެންޑިޑޭޓުންނަށް ފުރުޞަތު ދިނުމަށް އެ ވެރިކަމުގައި ލާޒިމެއް ނުކުރެއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު ވެރިކަމަށް އައުމާއި އެކު ސީރިއާގެ ތަފާތު މަންޒަރެއް މުޅި ދުނިޔެއަށް ފެންނަމުންދާ ކަމެވެ. އެ ކަމުގެ އެންމެ ސާފު އެއް މިސާލަކީ މިފަހަރުގެ އދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ވެސް ސީރިއާއިން ބައިވެރިވިކަމެވެ. އެ ޤައުމުން ބައިވެރިވެވަޑައިގެންނެވީ ރައީސް އަލް-ޝަރާޢު އެވެ. މިއީ 1967 ވަނަ އަހަރަށް ފަހު، އދގެ ބައްދަލުވުންތަކުގައި ސޫރިޔާގެ ވެރިޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ގާތްގަނޑަކަށް 60 އަހަރު ފަހުން ފުރަތަމަ ފަހަރަށް އދ.ގެ އާންމު މަޖިލީހުގައި ސީރިއާގެ ލީޑަރު ތަގުރީރު ކުރައްވަނީ
މިފަހަރުގެ މި އިންތިޚާބުގައި މުޅި ސީރިއާ ބައިވެރިއެއް ނުވެއެވެ. އޭގެތެރޭގައި އިރުއުތުރުގެ ކުރުދީންގެ ނުފޫޒު އޮތް ސަރަޙައްދުތަކާއި ޑްރޫޒް އަޣުލަބިއްޔަތު އޮންނަ ސުވައިދާ ޕްރޮވިންސް ހިމެނެއެވެ.
ސީރިއާގެ ޚަބަރުތައް ބުނާ ގޮތުގައި މި އިންތިޚާބު ކުރިއަށް ގެންދާނީ ޖޫން މަހު ރައީސް ޝަރާޢު އައްޔަންކޮށްފައިވާ 11 މެމްބަރުންގެ ޖަމާއަތަކުންނެވެ. މި އިދާރާއިން ސަރަހައްދީ އިލެކްޓޯރަލް ކޮލެޖުތަކުގެ މެންބަރުން ހޮވައި ސަރަޙައްދީ ސަބް ކޮމިޓީތައް އައްޔަންކުރީ މަޝްވަރާތަކަށް ފަހުގައެވެ.
ސީރިއާގެ އިންތިޚާބުގައި 140 ގޮނޑިއަށް ވާދަކުރާ 6،000 އެއްހާ ކެނޑިޑޭޓުން ތިބިއިރު އެ ގޮނޑިތައް ބަހާފައިވަނީ 60 ޑިސްޓްރިކްޓަށެވެ.
ކުރުދީ ޑިމޮކްރެޓިކް ޔޫނިއަން ޕާޓީ (ޕީވައިޑީ)އިން ބުނީ އަލް-ޝަރާޢުގެ ވެރިކަމަކީ ވެސް ކުރިން ވެސް އޮތް ޚުދުމުޚުތާރު ވިސްނުމާއި އެއް ވިސްނުމެއް ހުރި ވެރިކަމެއް ކަމަށެވެ.
ރައީސް ޝަރާޢު ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ އިސްރާއީލާއި ވެސް ސިޔާސީ ގޮތުން ގުޅިގެން އުޅުމަށެވެ. އަދި ސީރިއާ ކުރިޔަށް ދާނީ ހުޅަނގާއި ވެސް ގުޅިގެން ކަމަށާއި، ވެރިކަންކުރާނީ ކާކުތޯއާއި މަޖިލީހުގައި ތަމްސީލުކުރާނީ ކޮން ބައެއްތޯ ނިންމާނީ ޑިމޮކްރަސީގައި ރައްޔިތުން ކަމުގައި ވާނަމަ، ސީރިއާ ދާނީ އެ ދިމާލަށް ކަމަށް ވެސް ރައީސް އަލް-ޝަރާޢު ވިދާޅުވެފައި ވެއެވެ.