ގައުމީ އެއާލައިން މޯލްޑިވިއަނުން ދެކުނު ކޮރެއާއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަންއިން ކުރި އިއުލާނުގައި ބުނާ ގޮތުން، ޖީއެސްއޭއާ އެކު ކުރެވޭ އެއްބަސްވުން އެންމެ ފުރަތަމަ ވެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. ނަމަވެސް، އެ އެޖެންސީގެ ކަންކަން ހިނގާ ގޮތަށް ބަލައި، އިތުރު ދެ އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. މި އެއްބަސްވުމުގެ ކަންކަން މި އަހަރުގެ އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ނިމޭނެ ކަމަށް އަންދާޒާ ކުރެވޭއިރު، ރަސްމީކޮށް ސޮއިކުރުން އޮންނާނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
ޖީއެސްއޭގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ 3:00 ގެ ކުރިން އެމީހުންގެ ހުށަހެޅުންތައް ހުށަހަޅަންޖެހެ އެވެ. ޖީއެސްއޭ ހޮވުމުގައި ޓެކްނިކަލް މިންގަނޑުތަކަށް 60 އިންސައްތަ ދެވޭއިރު، މާލީ މިންގަނޑުތަކަށް 40 އިންސައްތަ ދެވޭނެ ކަމަށް މޯލްޑިވިއަނުން ކުރި އިއުލާނުގައިވެ އެވެ.
ޓެކްނިކަލް މިންގަނޑުތަކުގެ ތެރޭގައި ކުންފުނީގެ ޕްރޮފައިލް، އިންޑަސްޓްރީ ތަޖުރިބާ، އައިއޭޓީއޭ އެކްރެޑިޓޭޝަން، މުވައްޒަފުންގެ ގާބިލުކަން، ޓްރެވަލް އެޖެންސީތަކާއި އޮންލައިން ޕްލެޓްފޯމްތަކާ އެކު އޮންނަ ގުޅުންތައް އަދި ޑިޖިޓަލް މާކެޓިންގް ގާބިލުކަން ހިމެނެ އެވެ.
މާލީ މިންގަނޑުތަކުގެ ތެރޭގައި ފާއިތުވި ތިން އަހަރުގެ އޮޑިޓް ކުރެވިފައިވާ ފައިނޭންޝިއަލް ރިޕޯޓްތައް، ޝެއާހޯލްޑާ އެކުއިޓީ، ލިކުއިޑިޓީ، އެސެޓް ޓާންއޯވާ، ޕްރޮފިޓް މާޖިން އަދި ކޮމިޝަން ޕަސެންޓޭޖް ހިމެނެ އެވެ.