ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ ޓްރެފިކް ފްލޯއަށް މިރޭ 12:00 އިން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެން.އޭ.ސީ.އެލް) އިން ހާމަކޮށްފި އެވެ. މި ބަދަލުތަކަކީ އެއާޕޯޓްގެ ތެރޭގައި އުޅަނދުތައް ދަތުރުކުރާ ގޮތް އިތުރަށް ހަރުދަނާކޮށް، ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ.
އެން.އޭ.ސީ.އެލް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން، މިރޭ 12:00 އިން ފެށިގެން އުޅަނދުތަކަށް އެއާޕޯޓަށް ވަދެވޭނީ އެއާޕޯޓުގެ ބޭރު މަގުންނެވެ.
އެއާޕޯޓަށް މީހުން ގޮވައިން އަންނަ އުޅަނދުތައް، އަދި ޓެކްސީތައް މަޑުކޮށްގެން އޮންނަ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަޅި ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
އެއާޕޯޓް ޓާމިނަލް 1 އަދި އެއާޕޯޓް ޓާމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް އެއާޕޯޓުން ނުކުތުމަށް ޓާމިނަލް 1 ކުރިމަތީގައި އޮންނަ މަގު ބޭނުންކުރުމަށްވެސް އެން.އޭ.ސީ.އެލް އިން އަންގާފައި ވެއެވެ.
ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ އުޅަނދުތައް، ޕާކިން ސަރަހައްދު ކުރިމައްޗަށް އޮންނަ މަގުގެ ކަނާތް ފަޅި ބޭނުންކުރުމަށްވެސް އެ ކުންފުނިން ބުންޏެވެ. މި ބަދަލުތަކާއެކު އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، އެން.އޭ.ސީ.އެލްގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިން އިލްތިމާކުރި އެވެ.