ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އާ ޓާމިނަލުން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާއިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އާއި ބަޓިކް އެއާ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އާއި ބެންކޮކް އެއާވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވައިފައެވެ. އަދި އާ ޓާމިނަލަށް ކައިރި ކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އާ ޓާމިނަލުން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް އެވެ. އަދި މިއަދު ހިދުމަތް ދޭން ފެށި ދެ އެއާލައިން އާއެކު ޓާމިނަލް1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފަ އެވެ.