އެސްޕަންޔޯލް ބަލިކޮށް މިރޭ ހޯދި މޮޅާއެކު ޖެހިޖެހިން ހަތް މޮޅު ރިއަލް މެޑްރިޑުން ފުރިހަމަކޮށްފިއެވެ. އެ ކުލަބު އެންމެ ފަހުން ބަލިވެފައިވަނީ ކުލަބް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޕީއެސްޖީއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.
ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި މެޑްރިޑުން އެސްޕަންޔޯލް ބަލިކޮށްފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޑިފެންޑަރި މިލިޓާއޯ 30 ޔާޑު ދުރުން ގޯލުގެ މަތީ ކަނަށް ގޯލު ޖަހައި ގޯލު ހުޅުވާލިއިރު، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެމްބާޕޭ ވަނީ މެޑްރިޑުގެ ދެވަނަ ގޯލު ޖަހައިދީފައެވެ. އޭނަގެ ގޯލަކީވެސް އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެކެވެ.
އެމްބާޕޭ މިރޭ ކާމިޔާބުކުރި ގޯލާއެކު މި ސީޒަނުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. ސީޒަނުގައި މިހާތަނަށް ކުޅެފައިވަނީ ހަ މެޗެވެ.
މިރޭގެ މޮޅާއެކު މެޑްރިޑަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އެ ކުލަބު އެއްވެސް މެޗަކުން ބަލިނުވެ އޮތްއިރު އެއް މެޗު މަދުން ކުޅެ 10 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ވާދަވެރި ބާސެލޯނާއެވެ. ބާސެލޯނާއާއި ޖެޓާފޭ ބައްދަލުކުރާ މެޗު މިރޭ 12:00 ގައި އޮންނާނެއެވެ.
އަނިޔާގައި ފުދޭވަރަކަށް ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު މެޑްރިޑުގެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރު މިރޭ ވަނީ އަލުން ދަނޑަށް ނިކުމެފައެވެ. ޒަބި އެލޮންޒޯ އޭނާ ކުޅެން އަރުވާފައިވަނީ ދެވަނަ ހާފުގައެވެ.