ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް ދިއުމާ ގުޅިގެން ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައި ކަމަށެވެ.
އަދި އެކަމާ ގުޅިގެން ހިދުމަތް ހޯދައްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް އެ ޕޯސްޓުގައި ފާހަގަ ކޮށްފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޕާސްޕޯޓް ކާޑު ތައާރަފްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގަ އެވެ. އެއީ ވިޔަފާރީގެ ގިނަ މުއާމަލާތްތަކެއް ކުރެވޭ ގޮތަށް ތައާރަފްކޮށްފައިވާ ކާޑެކެވެ.
ރައްޔިތުން ބޭނުންވާ ނަމަ ކޭޝް ކާޑުތަކުގެ އިތުރުން ވަކިވަކިން ގެންގުޅޭ އައިޑީކާޑާއި ލައިސަންސް ކާޑު ވެސް ޕާސްޕޯޓު ކާޑުގައި ހިމެނެ އެވެ.