އީރާނުގެ ސުވާލު: ޔޫރަޕުގައި ނޭޓޯ އޮވެފައި، މުސްލިމުންގެ އަތުގައި އެފަދަ ގުރޫޕެއް ނޯންނަންވީ ކީއްވެ؟

ޢަބްދުﷲ ޖުނައިދު | 14 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 15:18
އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވަނީ މުސްލިމް ޤައުމުތަކުގެ ވަރުގަދަ އަސްކަރީ ފޯސް އެއް އޮތުން މުހިއްމު ކަމަށް.
އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުالله ޢަލީ ޚާމަނާއީ ވިދާޅުވަނީ މުސްލިމް ޤައުމުތަކުގެ ވަރުގަދަ އަސްކަރީ ފޯސް އެއް އޮތުން މުހިއްމު ކަމަށް.
ޚުލާސާ

ޔޫރަޕްގެ އެއްޤައުމަށް ކުރިމަތިވާ ކަންކަމުގައި ނުކުންނާނެ ބޮޑު ބާރެއް (ނޭޓޯ ކަހަލަ ޖަމާޢަތެއް) އެބައޮތް. މުސްލިމުންގެ ތެރޭގައިވެސް އެފަދަ ގުރޫޕެއް އޮންނަންވާނެ ކަމަށް އީރާނުން ދެކޭ.

މުސްލިމުންގެ ކުރިމަތީގައި މުޅި ޔޫރަޕް ކުޑަކަކޫ ޖެހި ދުވަސްވަރެއް އައެވެ. ސަބަބަކީ މުސްލިމުންގެ މެދުގައި އޭރު އޮތް އެއްބައިވަންތަކަމާއި ޖިހާދު ކުރުމުގެ މާތް ޝަރަފެވެ. ނަމަވެސް، ކާފަރުންގެ ހީލަތްތެރިކަމުގެ ދަލުގައި މުސްލިމުން ޖެހި، ކާފަރުން އުފެއްދި އ.ދ. އާއި އެ ނޫން ޖަމްޢިއްޔާތަކުން ބުނިހާ ގޮތެއް ހެދުމުގެ ނަތީޖާ އަކީ މިއަދު މުސްލިމުންގެ ކުރިމަތީގައި ހުޅަނގުގެ ބާރު ގަދަވެ މުސްލިމުން ނިކަމެތިވާން ފެށުމެވެ. މި ޙަޤީޤަތް ޤަބޫލުކުރަންޖެހެއެވެ.

އީރާނުން މިއަދު ސުވާލު އުފައްދަނީ މުސްލިމުންގެ ބާރެއް ނެތުމުން އެކަމާއެވެ. ސީދާކޮށް ދަންނަވާނަމަ ޔޫރަޕުން ނޭޓޯ އުފައްދައިގެން އުޅޭ ފަދައިން މުސްލިމުންގެ ވެސް އެފަދަ ޖަމާޢަތެއް ނެތީ ކީއްވެތޯއެވެ؟ މިއީ އީރާނުން އުފައްދާ ސުވާލެވެ. އީރާނުން މި ގޮތަށް ސުވާލު އުފައްދާ ސަބަބުތައް ގިނައެވެ. ހުޅަނގުގެ ކާފަރުންގެ ކުރިމަތީގައި ނޭޓޯ އަކީ މިއަދު ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރީ އިއްތިޙާދަށް ވުމެވެ. ޔޫރަޕާއި އުތުރު އެމެރިކާއަށް ސަލާމަތާއި ރައްކާތެރިކަން އިޙްސާސް ކުރެވޭ އިއްތިޙާދަކަށް ވުމެވެ. ސިޔާސީ ގޮތުންނާއި މިލިޓަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް މެއެވެ. ބައިބޯ މުސްލިމުންގެ އަތުގައި އޮތީ ކޮން ބާރެއް ހެއްޔެވެ؟

ތެދެކެވެ. ޕާކިސްތާނާއި، ތުރުކިޔޭ އާއި، އީރާނާއި، ސަޢުދީ ޢަރަބިއްޔާ ފަދަ ޤައުމުތަކުގައި އެތައް މިލިއަން މުސްލިމުންނާއި، ހެސްކިޔާފައި ތެލާއި ގޭހާއި ރަނާއި ޖަވާހިރު ފަދަ ވަޞީލަތްތަކާއި، ބާރުގަދަ ލަޝްކަރުތައް ހުރި ނަމަވެސް، މުސްލިމް ދުނިޔެއަކީ، ޤުދުރަތީ ވަޞީލަތެއް ނެތް ޔޫރަޕުން ހޯދި ނޭޓޯގެ ބާރާއި އަޅައި ކިޔާލެވޭ އިއްތިޙާދެއް ނޫނެވެ.

މުސްލިމް ދުނިޔޭގެ ލީޑަރުން ވެސް އެތައް ފަހަރަކު މި ސުވާލު އުފެއްދިއެވެ. ޔޫރަޕް މީހުންނަށް ނޭޓޯ އޮތް ފަދައިން އިސްލާމީ ޤައުމުތަކުގައި އެ ފަދަ ޖަމާޢަތެއް ނޯންނަންވީ ކީއްވެގެން ހެއްޔެވެ؟ އެއްބައިވަންތަ އިސްލާމީ އަސްކަރީ ޖަމާޢަތެއް ނެތީ ކޮން ހުރަހެއް ކުރިމަތިވާތީ ހެއްޔެވެ؟ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަކީ ޔޫރަޕްގެ ކުރިމަތީގައި މުސްކުޅިވެފައިވާ ސިންގާއެކެވެ. އޯއައިސީ އަކީ ފައިސާ މެޝިނަކަސް، މިލިޓަރީ ބާރެއް އުފެއްދުމުގެ ޚިޔާލެއް ކުރާ ބައެއް ވެސް ނޫނެވެ.

ނޭޓޯ ކަހަލަ ބާރެއް މުސްލިމުންގެ ތެރޭގައި އުފެއްދުމަށް އިސް ނެގީ ޕާކިސްތާނާއި ތުރުކިޔޭ އިންނެވެ. ނަމަވެސް މި މަސައްކަތްތައް ޢަރަބި ޤައުމުތަކުން ހުއްޓުވައިލިއެވެ. ސަބަބެއް ކަމަށް ދެއްކީ ސިޔާސީ އިތުބާރު ނެތް ކަމެވެ. ސުންނީ-ޝިޔާ ބައިބައިވުންތަކާއި، ސަރަހައްދީ ވާދަވެރިކަމާއި، ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުންނެވެ. އޭގެތެރެއިން އަސްލު މައިގަނޑު ސަބަބަކީ އީރާނާއި ސަޢޫދީ ޢަރަބިއްޔާ ސިޔާސީ ގޮތުން އެއްގަލަކަށް ނޭރުމެވެ.

ނޭޓޯ ކުރިއަރަމުން އަންނަނީ "އެކަކަށް ޙަމަލާ ދިނުމަކީ އެންމެންނަށް ދޭ ޙަމަލާއެއް" ގެ އުޞޫލުން ކަމަށްވާއިރު، މުސްލިމް ދުނިޔެ އަށް މިގޮތަށް އެއްބަސްވުމަކަށް ނާދެވެއެވެ. ސަޢޫދީ އަށް ބަޔަކު ޙަމަލާ ދިނަސް ސަޢުދީ ސަލާމަތްކުރަން އީރާނުން ބޭނުމެއް ނުވެއެވެ. މިއީ ތާރީޚުގައި އީރާނުގެ ބަހާއި ރާގު ހުރި ގޮތެވެ. އީރާނުން ބޭނުންވަނީ މެދުއިރުމަތީގެ ހުރިހާ ބާރެއް ނެގުމަށެވެ.

އީރާނުން އަބަދުވެސް މަސައްކަތް ކުރަނީ ޝިޔައީ ޖަޢައަތްތަކުގެ ދިފާޢުގައެވެ. ސުންނީ އަޣުލަބިއްޔަތު އޮންނަ ސަޢޫދީއިން އެންމެ ބޮޑު އިސްކަމެއް ދެނީ އިސްލާމްދީނުގެ އެންމެ މާތް ދެ ސިޓީ ކަމަށްވާ މައްކާ އާއި މަދީނާގެ ބިން ރައްކާތެރި ކުރުމަށެވެ. ދެފަރާތުންވެސް ބާރުތައް ހޯދަން މަސައްކަތް ކުރެއެވެ. މި ސުންނީ-ޝިޔާ ބައިބައިވުމާއި ގުޅިގެން، މެދުއިރުމަތީގައި، ޔަމަނުން ފެށިގެން ލުބުނާނާއި ހަމައަށް ބަލާއިރު، ކޮންމެ ފަރާތަކުން ބެލިޔަސް އިދިކޮޅު ޖަމާޢަތްތަކަށް ތާއީދުކުރާ ބަޔަކީ އީރާނެވެ. މިއީ ސަޢޫދީއިން ބިރުގަންނަ ސަބަބެކެވެ. އެހެނީ ޝިއާ ހޫޘީން ވެސް ދޭތެރެދޭތެރެއިން ޖިއްދާ އަށާއި ރިޔާޟަށް މިސައިލް ޙަމަލާތައް ދެމުންދާތީއެވެ. ހޫޘީންނަކީ އީރާނުގެ މަދަދު ލިބޭ ބައެކެވެ.

ސައުދީއަށް ހޫޘީން ދިން ހަމަލާއެއްގައި ތެޔޮކާރުޚާނާއެއްގައި ރޯވެފައި.

އީރާނުގެ ޝިއާއިން ވަނީ މާތްވެގެންވާ ޙަރަމްފުޅުގައި ވެސް ހަމަނުޖެހުން ހިންގާފައެވެ. 1987 ވަނަ އަހަރު އީރާނުގެ އެތައް ހާސް ބަޔަކު ޙައްޖުގެ އަޅުކަމަށް ގޮސް ތިބެ އެމެރިކާ އާއި އިސްރާއީލާއި ދެކޮޅަށް މައްކާގެ ބިމުގައި ސިޔާސީ މުޒާހަރާއެއް ކުރިއެވެ. ސައުދީ ސަލާމަތީ ބާރުތަކުން މުޒާހަރާ ރޫޅާލަން މަސައްކަތް ކުރުމުން ހިނގި ހަމަނުޖެހުންތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ އީރާނުގެ މީހުންނެވެ. ސައޫދީން ތުހުމަތު ކުރަނީ އީރާނުން ޙައްޖުގެ އަޅުކަން ވެސް ސިޔާސީ ކުރާކަމަށެވެ. އީރާނުން ތުހުމަތު ކުރަނީ ސަޢޫދީން އީރާނުގެ ރައްޔިތުންނާއި މެދު ޤަތުލުޢާންމެއް ހިންގީ ކަމަށެވެ. އެއާއި އެކު މިއަދާއި ހަމައަށްވެސް މި ދެބާރުގެ މެދުގައި އެއްވެސް އިތުބާރެއް ނެތެވެ. މުސްލިމުންގެ މެދުގައި އަސްކަރީ ޖަމާޢަތެއް ހެދި ކަމުގައި ވިޔަސް، އެއް ޤައުމުން އަނެއް ޤައުމުގެ މައްޗަށް ވެރިވެގަންނާނެ ކަމަށް ވެސް އެއް ބަޔަކަށް ހީވެއެވެ. މި ކަމުގައިވެސް ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިގުކުރަނީ އީރާނަށެވެ.

އެހެންކަމުން، ނޭޓޯ ފަދަ ބާރެއް މުސްލިމުންގެ އަތުގައި އޮންނަން ޖެހޭ ކަމަށް އީރާނުން ބުންޏަސް، މި ބައިބައިވުންތަކުން އަރައިގަންނަންދެން މުސްލިމުން ތިބޭނީ ދުނިޔޭގެ ސަލާމަތީ މައިދާނުގައި ބަލިކަށި އިސްލާމީ ދުނިޔެއެއްގެ ގޮތުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%