ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނެގުމުގެ ބިލާ އެމްޑީޕީން ދެކޮޅު ހަދައި އެ ބިލު ފާސްނުކުރުމަށް މަޖިލީހުގައި ވޯޓު ދީފި އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކުރުމަށް ފަހު މިއަގެ ޖަލްސާގައި ބިލު ފާސްކުރުމަށް ވޯޓަށް ވަނީ އަހާފަ އެވެ. ބިލު ފާސްކުރަން ފެންނަ ކަމަށް 64 މެމްބަރަކު ވޯޓުދެއްވިއިރު ބިލާ ދެކޮޅަށް 12 މެމްބަރަކު ވޯޓު ދިނެވެ. އެ 12 މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވާ ގޮތުން އާންމުންގެ ވޯޓު ނެގޭނީ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައާއި، ގައުމީ މުހިންމު މައްސަލަތަކުގަ އާއި ގާނޫނުއަސާސީގައި ބަޔާން ކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ އެއްވެސް ބާވަތެއްގެ ކަމެއްގަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުންނެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.









