ދިހައަހަރުގެ ދާޚިލީ ހަނގުރާމަ 2006 ގައި ނިމުމަށްފަހު ނޭޕާލަށް މިއަދު ކުރިމަތިވެފައި މި ވަނީ ވަރަށް ބޮޑު ސިޔާސީ ކާރިޘާ އެކެވެ. އެތައް މިލިއަން ރައްޔިތުން ނުކުމެ ސަރުކާރުގެ ޢިމާރާތްތަކުގައި އަލިފާން ރޯކޮށްލައިފިއެވެ. ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ރައްދު ދިނީ ކަރުނަ ގޭހާއި ފެން ހޮޅިއާއި ބަޑި ޖަހައިގެންނެވެ. ނަތީޖާއަކީ 19 މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ވުމެވެ.
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކަތުމަންޑޫގައި ކުރިޔަށްދިޔަ މުޒާހަރާ ރޫޅާލުމަށް ނޭޕާލްގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ބޭނުން ކުރަނީ / ފޮޓޯ: އޭއެފްޕީ
މި ހަމަނުޖެހުން ފެށިގެން އައީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ސޯޝަލް މީޑިއާ މަނާކުރަން އުޅުމުންނެވެ. ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޭނާ މަޤާމުން ވަކިވެވަޑައިގެންނެވި އިރު، އޭގެ ގަޑިއެއްހާއިރު ފަހުން ސިފައިން ވަނީ ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނުކުމެފައެވެ. މުޒާހަރާތައް މައިތިރިވި ނަމަވެސް، ނޭޕާލް ކަހަލަ ނުލަފާ، ޖެހިލުން ކުޑަ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން ރާވާފައި އޮތީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ.
މުޒާހަރާ ކުރަން ރައްޔިތުން ނުކުތުން:
ސަރުކާރުން ބުނީ ފޭސްބުކް، އެކްސް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތައް މަނާކުރީ އިޖްތިމާޢީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި އެ ޕްލެޓްފޯމްތައް ބޭނުންކުރާ މީހުން ކަމާބެހޭ ފަރާތްތަކުގައި ރަޖިސްޓްރީ ނުވުމުން، މުހުލަތު ދިނުމަށްފަހު މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.
މިއާއި އެކު މި މަހުގެ 8 ވަނަ ދުވަހު ޤައުމު ހަލަބޮލިވެ 19 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެ، ރައްޔިތުންގެ ލޭ އިންތިހާއަށް ކެކެން ފެށުމުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން އަވަސްވެގަތީ ސޯޝަލްމީޑިއާ މަނާކުރިކުރުން އުވާލައި ރައްޔިތުން މައިތިރި ކުރުމަށެވެ. ނަމަވެސް މުޒާހަރާތައް ފެތުރި، މުއްސަނދި އަދި ނުފޫޒުގަދަ ޢާއިލާތަކުގެ ގެތަކުގައި އޭގެތެރެއިން ބަޔަކު ނުކުމެ އަލިފާން ރޯކޮށްލިއެވެ. އޭގެތެރޭގައި ކުރީގެ ބޮޑުވަޒީރުގެ ގެކޮޅުވެސް ހިމެނެއެވެ.
ނޭޕާލުގައި ގޯސްވީ ކޮންކަމެއް؟
ކޮރަޕްޝަން އޮތީ އިންތިހާއަށެވެ. މަނީ ލޯންޑަރިން އާއި އެހެނިހެން ޖަރީމާތައް ޢާންމުވެފައިވާ އެ ޤައުމު އޮތީ ގްލޯބަލް ފައިނޭންޝަލް އެކްޝަން ޓާސްކް ފޯހުގެ "ގްރޭ ލިސްޓް”ގައެވެ. ސިޔާސީ މަސްރަހު ނުތަނަވަސްވެފައި އޮންނަތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ. ބާރަށް ވައި ޖެހި ޅޮސް ގަހެއް ވެއްޓޭހާ ވެސް ފަސޭހައިން ވެރިކަން ވެއްޓޭނެކަން ސާވޭތަކުން އެނގެއެވެ. ސިޔާސީ ބޭފުޅުންގެ ގޮތްނޭނގޭ މަރުތަކާއި، އިރުއިރުކޮޅާ ވެރިކަންތައް ވައްޓައިލުމާއި، ކޮމިއުނިސްޓުންގެ ދިހަ އަހަރު ދުވަހުގެ ފިތުނަވެރިކަމުން ފެށިގެން އެ ޤައުމު އޮތީ ނާޒުކު ފައްތަރެއްގައެވެ. 2013 ވަނަ އަހަރުން ފެށިގެން ނޭޕާލުގައި ތަފާތު 10 އަށްވުރެ ގިނަ ސަރުކާރު ފެނިފައިވާއިރު، ގިނަ ސަރުކާރުތަކަށް އަހަރެއް ވަންދެން ވެސް ދެމިނޯވުނެވެ.
މި ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގައި ވެސް (2015–2016، 2018–2021، 2024–2025) ޚުދު ކޭޕީ ޝަރްމާ އޮލީ ވަނީ ކޯލިޝަންތަކުގެތެރެއިން ވެރިކަން ކޮށްފައެވެ. އޭނާގެ ވެރިކަމުގައި 2021–2022 ގައި މަޖިލިސް އުވައިލިއިރު ކޮރަޕްޝަނުގައި ވެސް އޮތީ ހައްދުން ނެއްޓިފައެވެ. އޭނާގެ ވެރިކަން ވެއްޓޭނެކަން އޭޝިއާ ފައުންޑޭޝަނުން 2022 ވަނަ އަހަރު ކުރި ސާވޭއެއްގެ ނަތީޖާ ވެސް ބުނެދިނެވެ. އެއީ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ހުރީ %44 ގައެވެ. މާނައަކީ ރައްޔިތުން އެ ޤައުމުގެ ސިޔާސީ ކަންކަމަށް ތާއީދެއް ނުކުރެއެވެ.
ދެން ވާނީ ކިހިނެއް؟
“ސޯޝަލްމީޑިއާ މަނާކުރުން” އެއްޗަކަށް ނަގައި ސިޔާސީންގެ ދަޅައިގައި ރައްޔިތުން ޖައްސުވައި ހިންގި ހަމަނުޖެހުންތަކާއި އެކު އޮލީ އިސްތިއުފާ ދެއްވުމުން އެ މަޤާމަށް ކެތްމަދުވެފައިވާ އިދިކޮޅު ޕާޓީތަކުގެ މެދުގައި ވާދަވެރިކަމެއް އުފެދި، ޕާޓީތަކާއި ލީޑަރުން އެއްކޮށްގެން އިސްކޮށް ހުންނަވައިގެން އެހެން ވެރިކަމެއް އުފެދިދާނެ އެވެ. ނަމަވެސް އެ ޤައުމަކަށް ސިޔާސީ ހަމަޖެހުމެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެ ގޮތަށް ވެރިކަން ވައްޓައިލި ސްރީލަންކާ އާއި، ބަންގްލަދޭޝް އަށް ބަލައިލި ކަމުގައި ވިޔަސް ފެންނަނީ އަނެއްކާ ވެސް ކުރީގައި އެނބުރުނު ސޯބުތައް ހަމަ އެގޮތަށް އެނބުރޭ މަންޒަރެވެ. ނޭޕާލުން ދެން މަސައްކަތް ކުރާނީ ޗައިނާ އާއި ގުޅުން ބާއްވަމުން، ގުޅުން ގޯސްވެފައިވާ އިންޑިއާ އާއެކު އަލުން ގުޅުން ބޭއްވުމަށެވެ. އިންޑިއާ އަކީ އެ މީހުންގެ އެތައް ޒަމާނެއް ވީ ބައިވެރިއެކެވެ.