އިންޑިއާ ފިރިހެނަކު އޭނާގެ އަންހެނުންގެ ހަމުގެ ކުލަ ކަޅުވެގެން، އެކަމާއި މެދު ހިތްހަމަނުޖެހި އެ އަންހެންމީހާ ދިރިހުއްޓާ އަންދައިލި މައްސަލައިގައި އޭނާއަށް މަރުގެ ޙުކުމް އިއްވައިފިއެވެ.
ކިޝަންދާޝް ނަމަކަށް ކިޔާ ރާޖަސްތާނުގެ މި ފިރިހެން މީހާ އޭނާގެ އަންހެނުން ލަކްޝްމީ ދިރިހުއްޓައި އަންދައިލުމުގެ ކުރިން އެތައް ދުވަހަކު އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށް ކޯޓުގައި ވަނީ އިޢުތިރާފް ވެފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ކިޝަންދާޝް އަށް މީގެ ދެދުވަސް ކުރިން މަރުގެ ހުކުމް އިއްވިއިރު ލަކްޝްމީ މަރުވި ހާދިސާ ހިނގީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގަރޭ ދަންވަރުއެވެ.
ފުލުހުން ބުނި ގޮތުގައި ލަކްޝްމީގެ ގައިގައި ރޯކޮށްލާފައި ވަނީ އަވަހަށް ހުޅުހިފާ ޒާތުގެ އެއްޗެއް އުނގުޅުމަށްފަހުގައެވެ. ކިޝަންދާޝް އެ އެއްޗެއް އުނގުޅީ "މިއީ ދޮންކޮށްދޭ އެއްޗެއް" ކަމަށް ބުނެއެވެ. އެއަށްފަހު ރޯކޮށްލީއެވެ.
އެ ގޭގައި އުޅޭ ކިޝަންދާޝްގެ ޢާއިލާއަށް އެކަން އެނގުނީ ތިމަންނާ ސަލާމަތް ކޮށްދޭށޭ ކިޔައި ލަކްޝްމީ ވަރަށް ބާރަށް ހަޅޭލަވައި ރޯން ފެށުމުން އެ މީހުން ގޮސް ބެލިބެލުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ދެމީހުން ކައިވެނި ކުރީ 2016 ވަނަ އަހަރުއެވެ.