އިނގިރޭސީ ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން 0-2 ގެ ނަތީޖާއިން ބަލިވެ ކުޅުނު ތިން މެޗުން ދެ ޕޮއިންޓުން ފުއްދާލަން ސިޓީ އަށް ޖެހިއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި މަރުމޫޝް ގެ އެހީތެރިކަމާއެކު ހާލަންޑު ގޯލެއް ޖަހާފައި ވަނިކޮށް ބްރައިޓަން އިން ނަތީޖާ އަނބުރާލީ ފަހު ހާފުގައެވެ.
މުޅި މެޗުގައި ބްރައިޓަން އަށް ސިޓީ ގެ ގޯލަށް ހަތް ހަމަލާ އަމާޒުކޮށްފައިވާއިރު ބްރައިޓަން ގެ ގޯލަށް ސިޓީ އަށް އަމާޒުކުރެވުނީ ޖުމްލަ ތިން ހަމަލާ އެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީ އެވެ. ލިބުނު ޕެނަލްޓީއެއްގައި ބްރައިޓަންގެ ފުރަތަމަ ގޯލު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ޖޭމްސް މިލްނާ އެވެ. އަދި ދެވަނަ ގޯލު 90 ވަނަ މިނެޓު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ މިއަހަރު އެ ކުލަބާއި އަލަށް ގުޅުނު 21 އަހަރުގެ ފޯވާޑު ބްރަޖަން ގްރޫޑާ އެވެ.
މި މޮޅާއެކު ބްރައިޓަން އަށް ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. މިވަގުތު ތާވަލުގެ 10 ވަނައިގައި ބްރައިޓަން އޮތްއިރު ސިޓީ އޮތީ 12 ވަނައިގައެވެ.
ނިމިދިޔަ ހަފްތާގައި ސިޓީ ވަނީ 0-2 ގެ ނަތީޖާއިން ޓޮޓެންހަމް އަތުން ވެސް ބަލިވެފައެވެ. ސިޓީ އަކީ މި ފަހުގެ ތާރީހުގައި އިނގިރޭސީ ގެ އެންމެ ކާމިޔާބު ކުލަބަށްވާއިރު މިއީ އެ ކުލަބަށް މި ފަހުގެ ތާރީހުގައި ސީޒަނެއް އެންމެ ދަށްކޮށް ފެށި އެއް ފަހަރެވެ. އަދި ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން ދެވަނަ ފަހަރެވެ. ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން އެ ކުލަބު ސީޒަނެއް އެންމެ ދަށްކޮށް ފަށާފައިވަނީ 2021/2020 ގެ ސީޒަނުގައެވެ. އެ ސީޒަނުގައި ޕްރިމިއަރ ލީގު ކުޅުނު ފުރަތަމަ ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އެހެން ކަމުން މިފަހަރު ފަސް މެޗުން ނުވަ ޕޮއިންޓް ހޯދުމުގެ ފުރުސަތު އެ ކުލަބަށާއި ގާޑިއޯލާ އަށް އަދި އެބަ އޮތެވެ.
މެންޗެސްޓަރ ސިޓީގެ ތާރީހުގައި އެ ކުލަބަށް ކޯޗުކަން ކޮށްދިން އެންމެ ކާމިޔާބު ކޯޗަކީ ގާޑިއޯލާ އެވެ. ފުރަތަމަ ފަހަރަށް ސިޓީ ޗެމްޕިއަންސް ލީގެއް ގާޑިއޯލާގެ އިރުޝާދު ދަށުން ހޯދާފައިވާއިރު ޕްރިމިއަރ ލީގު ހަ ފަހަރު، ކަރަބޯ ކަޕު ހަތަރު ފަހަރު އެފްއޭ ކަޕު ދެ ފަހަރު، ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު، އަދި ސުޕަރ ކަޕާއި ކުލަބު ވޯލްޑް ކަޕުގެ ތައްޓެއް ހޯދާފައިވެއެވެ. އަދި އޭނާގެ ކޯޗު ކަމުގައި ގިނަ ރެކޯޑުތަކެއް ވެސް ސިޓީން ހަދާފައިވެއެވެ.
ޖެހިޖެހިގެން ދެ މެޗުން ބަލިވިޔަސް ނިމިދިޔަ ނޮވެމްބަރުގައި ސިޓީން ވަނީ ގާޑިއޯލާއާއެކު 2027 އާ ހަމައަށް ކޮންޓްރެކްޓް އާކޮށްފައެވެ. ކޮންޓްރެކްޓް އާ ކުރުމަން އޭނާ ބުނީ ނިމިދިޔަ ސީޒަނުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ސަބަބުން ކޯޗުކަމުން ވަކިވާން ވިސްނި ކަމަށާއި ނަމަވެސް ސިޓީ އަށާއި އޭނާ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އޭނާ ސިޓީގައި މަޑުކުރުން ކަން ވިސްނުނު ކަމަށެވެ. ގާޑިއޯލާ އަކީ މި ފަހުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗުކަން އޭނާ ވަނީ ބާސެލޯނާ، ބަޔާން މިއުނިކް އަދި ސިޓީގައި ވެސް ސާބިތުކޮށްދީފައެވެ.