ހދ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ހދ. އަތޮޅު މީހުން ދިރިއުޅޭ 13 ރަށް ކަމަށްވާ، ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީ އަށް ޒިޔާރަތްކުރައްވާފައިވެ އެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްގީގެ މަސައްކަތްތައް ފެއްޓެވުމާއި، އެއްބަސްވުންތަކުގައި ސޮއިކުރެއްވުން މި ދަތުރުފުޅުގައި ވަނީ ކުރިއަށްގެންދަވާފައެވެ. އެގޮތުން، ރައީސްގެ މިދަތުރުފުޅުގައި، އަތޮޅުގައި ފަތުރުވެރި މަންޒިލްތައް ގާއިމުކުރެއްވުމުގެ ގޮތުން މުހިންމު މަސައްކަތްތައް ފެއްޓެވުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމުގެ ގޮތުން، އެއާޕޯޓުތަކާއި، ވިޔަފާރި ބަނދަރާއި، ކަނޑުދަތުރުފަތުރާ ގުޅުންހުރި ބިނާރު ތަރައްގީކުރެއްވުމާއި އަޕްގްރޭޑްކުރެއްވުމަށް މަޝްރޫއުތައް ފެއްޓެވުން ހިމެނުނެވެ. އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކާއި، ތައުލީމާއި، ސިއްހަތާއި، ހަށިހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކާއި، މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ އިގުތިސާދު ފުޅާކުރެއްވުމަށް ނިންމެވި މުހިންމު ނިންމެވުންތައް ހިމެނޭހެން، ޖުމުލަކޮށް ސަރުކާރުގެ ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯންގެ ތަސައްވަރަށް މަގުފަހިވާ ފަދަ މުހިންމު މަސައްކަތްތައް، މި ދަތުރުގައި ހިމެނިގެން ކުރިއަށްގެންދަވާފައިވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެެއް ކަމަށެވެ.