މީޑިއާތަށް ކޮންޓްރޯލު ކުރުމަކީ އެއްވެސް އިރެއްގައި ބޭނުންފުޅުވި ކަމެއް ނޫންކަމަށާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އިސްލާހުކުރަން އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރެވެ. މިބިލުގައި ހިމަނާފައިވާ ކަންތައްތަކާއި މެދު ނޫސްވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހު މަޖިލީހުގެ ގެލެރީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއްވެސް ކުރި އެވެ.
އެ ބިލުގައި ވާގޮތުން ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ ރައީސެވެ. ރައީސް އައްޔަންކުރާ މެމްބަރުން އައްޔަނުކުރާނީ މަޖިލީހުގެ ރުހުމާ އެކު އެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނޮޅިވަރަންފަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކަމަށާއި އެއީ އެމަނިކުފާނު އެއްވެސް އިރެއްގައި ކުރެއްވި ކަމެއްވެސް ނޫން ކަމަށެވެ.
"ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށް ވަންޏާ، ވައިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރުގައި އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ފުރިހަމައަށް ގެންދިއުމުގައި އެންމެންގެ ޒިންމާތަކެއްވެސް އެބަ އޮތް ކަމަށާއި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ކަންކަން ކުރިއަށްގެންދާއިރުގައި، އެހެން ހުރިހާ ފަރާތްތަކުންވެސް އަދާ ކުރަން ޖެހޭ ޒިންމާތަކެއް އޮންނާނެ ކަމަށެވެ. އެއީ ސިޔާސީ ޕާޓީތައް ކަމުގައިވިޔަސް، އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތައް ކަމުގައިވިޔަސް، އަދި މީޑިއާކަމުގައި ވިޔަސް ކޮންމެ ފަރާތެއްގެވެސް ޒިންމާތަކެއް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.