ހދ. ނޮޅިވަރަމު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުއިއްޒު ހދ އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.
ނޮޅިވަރަމް ބަނދަރު މަޝްރޫއަކީ 85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ނޮޅިވަރަމުގެ އިރުމަތީ ފަރާތުގައި ހަދާ ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި 362 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ ޖެހުމާއި 238 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި 90 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމާއި 394 މީޓަރުގެ އެއްގަމު ތޮށި ލުން ހިމެނެ އެވެ.
އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 52.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ނިންމަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި 779 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 164 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުން ހިމެނެ އެވެ.