ހދ. ނާގޯށީގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކޮށްގެން މިއަދު ފަށައިފި އެވެ.
ނާގޯށި ތަރައްގީކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރީ ރައީސް މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްޓީޑީސީ ޗެއާމަން އަބްދުﷲ ފާއިޒާއި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް އެވެ.
އެމްޓީޑީސީއާ މި މަޝްރޫއު ހަވާލުކުރީ ދޮޅު އަހަރު ދުވަހުން ނިންމާ ގޮތަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވީ އެ މަޝްރޫއުގެ ކުރިއަށް ގެންދަން ރާވާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރުމަހަށް ރިސޯޓު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެ މަސައްކަތް ނިންމާއިރު އެ ރިސޯޓުން އެކަނި 600 ވަޒީފާ އުފެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.