ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ އޮވިއޭޑޯއާ ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއިން ފަސޭހަކަމާއެކު ރިއަލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މި މެޗުގައި ދެ ގޯލު އެމްބާޕޭ ޖަހާފައިވާއިރު ފުރަތަމަ ގޯލު އަރްދަރ ގުލާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. ދެވަނަ ގޯލު 83 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިނީޝިއަސް ޖޫނިއަރ ގެ އެހީތެރިކަމާއެކެގައެވެ. އަދި ތިން ވަނަ ގޯލު 3+90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވިނީޝިއަސް އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ބްރަހިމް ޑިއަޒް ގެ އެހީތެރިކަމާއެކުގައެވެ.
ރޭ ކާމިޔާބުކުރި ދެ ގޯލާއެކު މިއަހަރުގެ ޔޫރަޕުގެ ލަނޑު ލިސްޓުގެ ކުރީގައި މިވަގުތު އުޅެނީ އެމްބާޕޭ އެވެ. އޭނާ މިއަހަރު މިހާތަނަށް 46 ގޯލު ޖަހާފައިވާއިރު ދެވަނައިގައި ބަޔާން މިއުނިކްގެ ހެރީ ކޭން އޮތީ 45 ގޯލު ޖަހައިގެންނެވެ. ތިން ވަނައިގައި އޮތް ބާސެލޯނާއަށް ކުޅޭ ލެވަންޑޮސްކީ ޖަހާފައިވަނީ 42 ގޯލެވެ.
މި މޮޅާއެކު މެޑްރިޑް އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓު ލިބިފައެވެ. 24 އަހަރަށްފަހު ލަލީގާއަށް ކޮލިފައިވި އޮވިއޭޑޯ ދެ މެޗުންވެސް ވީ ބައްޔެވެ.
ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޮސަސޫނާ އަދި ވެލެންސިއާ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއިން އޮސަސޫނާ ކާމިޔާބުކޮށްފައިވާއިރު ވިޔަރެއާލް އަދި ޖިރޯނާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިޔަރެއާލް އެވެ. އަދި ރިއަލް ސޮސައިޑޭޑްއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ލީގުގެ އެއްވަނާގައި ގޯލް ތަފާތުން ވިޔަރެއާލް އޮތްއިރު ދެވަނައިގައި އޮތީ ބާސެލޯނާ އެވެ. ހަމަ އެވަރަށް ޕޮއިންޓު ހޯދައިގެން ތިން ވަނައިގައި އޮތީ ރިއަލް މެޑްރިޑެވެ.