ހދ. ފިނޭގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ގިނަ ބަދަލުތަކެއް ގެނަސްދިނުމަށް ރައްޔިތުން އެދިފައިވާކަމަށާއި ބަނދަރުގެ މަސައްކަތް ނިންމާނީ، އެ ރަށުގެ ރައްޔިތުން އެދޭ ބަދަލުތަކުގެ ތެރެއިން، ގެނެވެން އޮތް އެންމެ ގިނަ ބަދަލުތައް ގެނެސްދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ހދ އަތޮޅުގައި މީހުން އުޅޭ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފިނޭއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި، ވާހަކަދައްކަމުން ރައީސް ވިދާޅުވީ ފިނޭގައި މިވަގުތު ކުރިއަށްދާ އެންމެ މުހިންމު މަޝްރޫއަކީ ބަނދަރުގެ މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ގިނަ ބަދަލުތަކެއް ގެނައުމަށް ރައްޔިތުން އެދިފައިވާއިރު އޭގެ ތެރޭގައި މުހިންމު ކަންތައްތަކެއް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ. 2026 ވަނަ އަހަރުގެ ބަޖުޓުގައި މިކަންކަން ހިމަނައި، ރައްޔިތުންގެ ހުވަފެންތަކުގައި ވީހާވެސް ރަނގަޅަކަށް ކުލަޖައްސައި ދެއްވާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރަށުގެ ތަރައްގީއަށްޓަކައި ކޮއްދެއްވާނެ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކަންކަން ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލް މިއަދު ވަނީ ދެއްވާފަ އެވެ. އެގޮތުން، އެފަދަ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ރަށަށް މުހިންމު ތަރައްގީ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ފިނޭގެ ރައްޔިތުންނަށް، ރައީސް ވަނީ ދެއްވާފަ އެވެ.
ހަމަ އެއާއެކު ރަށުގެ ސްކޫލު ހުރި ސަރަހައްދު ބަދަލުކުރުމަށް ރައްޔިތުން އެދިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެއީ ހުދު އެމަނިކުފާނަށްވެސް ގަބޫލުފުޅުކުރެއްވޭ، ދެކޮޅުޖެހޭ ކަމެއް ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މިކަމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
އަދި ރަށުގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުކުރުމާއި، ފުލުހުންގެ މަރުކަޒު ގާއިމުކުރުމާއި، ކުޑަކުދިންގެ ޕާކު އެޅުންފަދަ ކަންކަންވެސް ކުރިއަށް އެބަހުރިކަމަށާއި، ހަކަތައިގެ ދާއިރާއިންވެސް ކުރިއެރުންތަކެއް ހޯދައިދެއްވާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ހދ. ފިނޭގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިކަންކަމަކީ، ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތަކެއްކަމުގެ ޔަގީންކަން ދެއްވަމުންނެވެ.