ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާއިރު، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގޯއްޗެއްދީ، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެ އަޅައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ހިރިމަރަދޫ އަކީ ހދ އަތޮޅު އެންމެ އާބާދީ މަދު ރަށެވެ. އެ ރަށުގައި ދިރިއުޅޭ އާބާދާއަކީ ގާތްގަނޑަކަށް 293 އެއްހާ މީހުންނެވެ.
ހިރިމަރަދޫ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެރަށުން ހަނިމާދޫއަށް ހިޖުރަކުރާ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގެވުމާއި، މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
ހިރިމަރަދޫ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދޭ ގޯތިތަކުގައިވެސް ގެ އަޅައިދޭނެ ކަމަށާއި، އަދި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދޭނެ ކަމަށެވެ. ބަދަލުގައި ދޭ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުތާލިއާ ކުރުމަށްފަހު، ދޭ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.
މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ ރައްޔިތުން ބޭނުންވެގެން، އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. މީހުން ބަދަލުކުރާއިރު އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއްކުރިނަމަވެސް، އެކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހިރިމަރަދޫ ރައްޔިތުންނަށްވެސް އެގޮތަށް އިގުތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދީފަ އެވެ.