ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި އެވެ. މި އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި ތިން ބޭފުޅުންނަކީ:
1- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
ޝެއިޚް އިސްމާއިލް މުހައްމަދު މއ. ފީރޯޒްވާދީ
2- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން:
މުހައްމަދު މައުރޫފް ޖަމީލް މ. ދޫރެސް
3- ޕާފޯމިންގް އާޓްސްގެ ދާއިރާއިން:
އަލްމަރްހޫމް މުހައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި ނުވަ ބޭފުޅުންނާއި ކުންފުންޏަކީ:
1- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިއުކުރުމުގެ ރޮނގުން:
ހުސްނާ ފަހްމީ މ. އަފްޒާ
2- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އިއްޒަތު އަހުމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ
3- ސިއްހީ ދާއިރާއިން ސިއްހީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން
ޑރ އަބްދުލްއަޒީޒް ހަމީދު ފިނިފެންމާގެ، ފ.ނިލަންދޫ
4- ސިއްހީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްގީކުރުމުގެ ރޮނގުން
އާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ
5- އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން
ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު
6- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން
އަހުމަދު ވަހީދު އަލީ ވެހި، ހއ. ކެލާ
7- ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ
8- މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން
އަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ
9- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓަރު ސޮފްޓްވެއާ އާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން
މުހައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ
10- އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން
ޒަހިއްޔާ މުހައްމަދު މުރީދުގެ، އއ. އުކުޅަސް
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.









