މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. މާދަމާ ހުޅުމާލޭގައި ހުންނަ އިންޖީނުގޭގައި ކުރަންޖެހޭ މަސައްކަތްތަކަކާއި ގުޅިގެން މފަދަ ޓޭކްނިކަލް މައްސަލައެއް ދިމާ ވެދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި މާދަމާ ހެނދުނު 6:00 އިން 10:00 އަށް ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތްތަކެއް ކުރާނެއެވެ. މި މަސައްކަތުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ކަނޑައެޅޭ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށާއި، ނަމަވެސް ކަރަންޓު ކެނޑޭ ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް ގަޑިއިރެއްހާ އިރަށް ކަރަންޓު ކެނޑޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރައްޔިތުންނަށް މުހިއްމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން ކަރަންޓު ނުކެނޑޭނެކަމަށްވެސް ސްޓެލްކޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އެގޮތުން، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ހުޅުމާލެ އިންޖީނުގެ ގާއިމުކުރިފަހުން އިތުރުވަމުންދާ އާބާދީއާއި ކަރަންޓުގެ ޑިމާންޑަށް އަންނަމުންދާ ބަދަލުތަކާއެކު އިތުރު އިންޖީނުތަކެއް އިންސްޓޯލްނުކުރެވުމުގެ ސަބަބުން މިހާރު ހުރި އިންޖީނުތައް ނިއްވާލައިގެން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާގޮތުގައި ނުކުރެވޭކަމަށެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް، ހުޅުމާލޭ އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހޭނެކަމަށް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ "މިމަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންގެ ނެޓްވޯކްއިން ގާތްގަނޑަކަށް 50 މެގަވޮޓް އުނިވެގެންދާނެ. އެހެންކަމުން ފަހަރެއްގައި މާލެއާއި ހުޅުމާލެއިން ލޯޑް ޝެޑްއެއްކުރަންޖެހިދާނެ. އެހެންނަމަވެސް އަޅުގަނޑުމެން ކޮންޓްރޯލް ލޯޑް ޝެޑްއަކަށް މިދަނީ. އަޅުގަނޑުމެން ކަސްޓަމަރުންނަށް އަންގަމުންވެސްދާނަން، ބައިގަޑިއިރަށް ނުވަތަ 45 މިނިޓަށް ކެނޑިދާނެއޭ އެކި ދިމަދިމާލުން އެކި ފަހަރުމަތިން ކަނޑާލާނެއޭ."
މިކަމާއި ގުޅިގެން ސްޓެލްކޯގެ އިންޖިނިއަރ އިބްރާހިމް ނިޝާދު ވިދާޅުވީ، މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން 10:00 ޖެހުމާއި ހަމައަށް ނަމަވެސް މާލެއާއި ހުޅުމާލެ އެއްކޮށް ކަރަންޓު ކަނޑާލީ ނޫންކަމަށެވެ. ނިޝާދު ވިދާޅުވީ، "އަޅުގަނޑުމެން ކަރަންޓު ކަނޑާނީ އެކަނޑާ ސަރަހައްދަކުންވެސް ގާތްގަނޑަކަށް ގަޑިއިރަކަށް. އަދި ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާނަން."
މާލެ ސަރަހައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަނީ މާލެއާއި ހުޅުމާލޭގައި ހުންނަ އިންޖީނުގެތަކެވެ. ހުޅުމާލޭ އިންޖީނުގޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކުރުމަށް އެއިންޖީނުގޭގައި ހުރި 6 އިންޖީނު ނިއްވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ސްޓެކޯއިން ފާހަގަކުރި އެވެ.