ސްޕެއިން ލީގުގައި 0-1 އިން އޮސަސޫނާ ބަލިކުރުމަށްފަހު ރިއަލް މެޑްރިޑުން ސީޒަނުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ފުރަތަމަ ހާފު ގޯލެއް ނުޖެހި ނިމިފައިވާއިރު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ގޯލު އެމްބާޕޭ ކާމިޔާބުކޮށްފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ހޯދާފައިވަނީ ވެސް އެމްބާޕޭ އެވެ. މި ޕެނަލްޓީ އާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުން އޮސަސުނާގެ ކީޕަރަށް ވަނީ ރީދޫ ކާޑެއް ދައްކާފައެވެ.
މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް މެޑްރިޑުގެ ފޯވާޑް ގޮންޒާލޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޮސަސޫނާގެ އަބެލް ބްރެޓޯންސް އަށް ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މުޅި މެޗު ޑޮމިނޭޓް ކޮށްގެން މެޑްރިޑް ކުޅުނު ނަމަވެސް އޮސަސޫނާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މާ މޮޅު ކުޅުމެއް ވެސް ދެއްކިފައެއް ނުވެއެވެ. ޒަބި އެލޮންޒޯގެ އިރުޝާދު ދަށުން އެ ޓީމުގެ ފޯވާޑު ރޮޑްރިގޯއަށް ޖާގަ ނުލިބޭކަން ފާހަގަ ކުރެވެއެވެ. މެޑްރިޑުން އޭނާ ވިއްކާލަން މަސައްކަތްކުރަމުންދާ ނަމަވެސް އޭނާ އެ ކުލަބު ދޫކޮށްލަން ބޭނުމެއް ނުވެއެވެ. މެޑްރިޑުން އޭނާ ވިއްކާލަން ބޭނުން ވަނީ 100 މިލިއަން ޔޫރޯ އަށް ވުރެ ކުޑަ ނޫން އަގަކަށެވެ.
މި މެޗާއެކު ލީގުގެ ފުރަތަމަ މެޗުތައް ނިމިފައިވާއިރު ބާސެލޯނާ، ރަޔޯ ވައެކާނޯ، ޖެޓާފޭ، ވިޔަރެޔާލް، އެތްލެޓިކް ކުލަބް، ޑިޕޯޓިވޯ އަލާވޭސް އަދި އެސްޕަންޔޯލް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. ލީގުގެ އެންމެ ވާދަވެރި އެއް ކުލަބު ކަމަށްވާ އެތްލެޓިކޯ މެޑްރިޑް ވަނީ އެސްޕަންޔޯލް އަތުން ބަލިވެފައެވެ.