އެމްއެމްއޭގެ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް: 100،000 ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިން

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 45 ދުވަސް ކުރިން - 17 އޯގަސްޓް 2025 15:35
އެމްއެމްއޭ ހެޑް ކުއާޓާސް: ފޮޓޯ/ އިންޓަނެޓް---
އެމްއެމްއޭ ހެޑް ކުއާޓާސް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ މާލީ ހޭލުންތެރިކަމާއި، އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށް އެމްއެމްއޭއިން ބުނޭ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފި އެވެ.

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލައިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ ގޮންޖެހުންތަކަށް އެދެވޭ ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެގޮތުން، ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިން އަށް އާ ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. މި ގިންތި ފަރުމާކުރެވިފައިވަނީ ޝަރީއާ އާއި އެއްގޮތްވާ ހައްލުތަކުގެ ޒަރީއާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ހިޔާލުތަކާއި ނަމޫނާތަކަށެވެ. 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވޭނެ އެވެ. ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. މި ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެ އެވެ. މީގެ އިތުރުން ފަންޑިން، މެންޓާޝިޕް ފުރުސަތުތައް ވެސް ލިބިދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ތަމްވީލު އިމްޕެކްޓް ޕިޗް ޗެލެންޖްގެ ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް" މި މައުލޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދައިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ ފަންޑަކަށްކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

މުބާރާތުގެ ދެ ގިންތީގައިވެސް ދިވެހިންނަށް އަދި ބޭރު މީހުންނަށްވެސް ބައިވެރިވެވޭނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. ނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ ހާލަތާ ގުޅޭ އަދި މުބާރާތުގެ މައުލޫއުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުންނަންވާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ޒަރީއާއިން މުޖުތަމައުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށަފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެއްކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ. މި ފެސްޓިވަލްގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން އިތުރު ފަސް ހަރާކާތެއް ހިމެނެ އެވެ. އޭގެ ތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނޭ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%