ޒަކާތު ފަންޑުން 7 އަހަރަށްފަހު 19 ދަރިވަރަކަށް މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ދީފި

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 16 އޯގަސްޓް 2025 23:21
ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕް ދިނުމުގެ ރައްމީޔާތު/ ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޒަކާތު ފަންޑުން ދޭ ސްކޮލަރޝިޕް ދިނުމުގެ ރައްމީޔާތު/ ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޚުލާސާ

މިއަހަރުގެ ޒަކާތު ސްކޮލަރޝިޕަށް ހޮވޭ ދެވަނަ ބުރުގެ ދަރިވަރުން ވަރަށް އަވަހަށް ސްކޮލަރޝިޕްތައް ޙަވާލުކުރެވޭނެކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވިދާޅުވި.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް 19 ދަރިވަރަކަށް ޒަކާތު ސްކޮލަޝިޕް ދީފި އެވެ. މި ސްކޮލާޝިޕްތައް ދަރިވަރުންނަށް ހަވާލުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ސްކޮލާޝިޕާއި ހާއްސަ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެވެ.

މިފަހަރު ޒަކާތު ސްކޮލާޝިޕް ދެ ބުރަކަށް ބަހާލައިގެން ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށްދޭ ފުލް ސްކޮލާޝިޕް ވަނީ 17 ދަރިވަރަކަށް ދީފަ އެވެ. އަދި މީގެއިތުރުން ހަތް ދަރިވަރަކަށް ހާއްސަ ސްކޮލާޝިޕް ވަނީ ދީފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަހަރުގެ ޒަކާތު ސްކޮލާޝިޕަށް ހޮވޭ ދެވަނަ ބުރުގެ ދަރިވަރުން ވަރަށް އަވަހަށް ސްކޮލާޝިޕްތައް ހަވާލުކުރެވޭނެކަމަށެވެ. މީގެއިތުރުން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވީ، މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލްމަހު އެވެ. އަދި ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ޒަކާތު ފަންޑުން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ޖުމްލަ 50 ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ތެރެއިން 20 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ކިޔެވުމަށެވެ. އަނެއް 30 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ، ސައޫދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ގައުމުތަކުގަ އެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ސްކޮލާޝިޕްތައް ދިނުމަކީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ފަންޑުން އަލުން މަތީ ތައުލީމުގެ ފުރުސަތުތައް ހުޅުވާލި ފަހަރެވެ. އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލާޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%