އަލިފާން ރޯވެ ޔޫރަޕުން 13 މީހުން މަރުވެ އެތައްސަތޭކަ މީހުން ޒަޚަމްވެއްޖެ

އައިޝަތު އީމާން | 4 ގަޑިއިރު ކުރިން - 15 އޯގަސްޓް 2025 02:55
ސްޕެއިންގެ ޖަންގަލީގައި ރޯވެ އަނދަނީ / ފޮޓޯ: އޭ.އެޖެންސީ
ސްޕެއިންގެ ޖަންގަލީގައި ރޯވެ އަނދަނީ / ފޮޓޯ: އޭ.އެޖެންސީ
ޚުލާސާ

ސްޕެއިން، ފްރާންސް، ގްރީސް އަދި އަލްބޭނިއާގެ ޖަންގަލިތަކުގެ އެކި ހިސާބުތަކުގައި ރޯވެ 13 މީހުން މަރުވެ 225 މީހުން ޒަޚަމްވެއްޖެ.

ދެކުނު ޔޫރަޕްގެ އެކި ޤައުމުތަކުގައި މިހާރު އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން މަދުވެގެން 13 މީހުން މަރުވެ 225 އަށްވުރެ ގިނަ މީހުން ޒަޚަމް ވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސްޕެއިން، ފްރާންސް، ގްރީސް އަދި އަލްބޭނިއާގެ ޖަންގަލިތަކުގެ އެކި ހިސާބުތަކުގައި ރޯވަމުންދާއިރު މިވަގުތު އެންމެ ބޮޑަށް އަނދަމުން ދަނީ ސްޕެއިނުގެ ޖަންގަލީގައެވެ.

ސްޕެއިނުން އެކަނި 7 މީހުން މަރުވިއިރު އޭގެ ތެރޭގައި ވޮލަންޓިއަރ ފަޔާ ފައިޓަރެއް ވެސް ހިމެނޭ ކަމަށާއި އަލިފާނުގެ ހާދިސާތަކުގައި 157،000 ހެކްޓަރަށް ވުރެ ގިނަ ހެކްޓަރުގެ އަނދައި ހުލިވުމުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށްލާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސްގައި އެކަކު މަރުވެ 137 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދިޔުމާއި ގުޅިގެން ބައެއް ސަރަޙައްދުތައް އޮތީ “ރެޑް ހީޓްވޭވް އެލާޓްގަ” އެވެ.

ޚަބަތުތައް ބުނާ ގޮތުގައި ގްރީސްގައި ތިން މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ ފަޔާ ފައިޓަރުންނެވެ. އަދި ގާތްގަނޑަކަށް 7،500 މީހުންނާއި ފަތުރުވެރިން މިހާރު ވަނީ އަލިފާނުގެ ނުރައްކަލާއި ކުރިމަތިލާން ޖެހުމުން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.

އަލްބޭނިއާ އިން ވެސް އެކަކު މަރުވެ، މަދުވެގެން 11 މީހުން ޒަޚަމްވެ، 2،000 މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އީޔޫގެ މަތިންދާބޯޓުތަކާއި ބައިނަލްއަޤްވާމީ ރެސްކިއު ޓީމުތަކުން ދަނީ ޔޫރަޕްގައި އަނދަމުންދާ ތަންތަން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%