މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން މިއަދުވެސް ކަރަންޓު ކެނޑިއްޖެ އެވެ. އެނގިފައިވާގޮތުަގައި ގިނަ ސްކޫލުތަކުންވެސް ކަރަންޓު ވަނީ ކެނޑިފަ އެވެ.
ސްޓެލްކޯއިން މިއަދުވެސް ބުނީ ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށްވެސް ބުންޏެވެ.
"ޓެކްނިކަލް މައްސަލަ" ތައް ގިނަވެ މިފަހަކަށް އައިސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުން މިވަނީ މިހާރު އާއްމުވެފަ އެވެ. ފާއިތުވި ތިން މަސްތެރޭގައި މުޅި މާލެއާއި ހުޅުމާލެއިން ތިން ފަހަރެއްގެ މަތިން އެއްކޮށް ކަރަންޓު ކެނޑުނެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑުނެވެ. ސްޓެލްކޯގެ އިންޖީނުތައް ވެސް ހުރީ ނިވިފަ އެވެ. އެދުވަހު ކަރަންޓު ލިބުނީވެސް ދެ ގަޑިއިރެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ކަމަށް އޭރުވެސް ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑު މައްސަލައިގައި ރައީސް މުއިއްޒު އަންގަވައިގެން ފުލުހުން ވަނީ ތަހުގީގެއްވެސް ފަށައިފަ އެވެ. ފުލުހުން ހާމަކުރިގޮތުގައި ތަހުގީގަށް ބޭނުންވާ މައުލޫމާތު ވަނީ އެއްކުރެވިފަ އެވެ.