ބ. ދޮންފަނުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިބީދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ބިން ހިއްކުމާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ހެދުމުގެ މަޝްރޫއުގެ އިތުރުން ސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ކުލާސްރޫމްތައް އިތުރުކުރުމުގެ މަޝްރޫއު ހަވާލުކުރެވުމުގެ ސަބަބުން، އެ މަޝްރޫއުތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށެވެ.
އަދި ހަމައެހެންމެ، ދޮންފަނުގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމުގެ ގޮތުން އެރަށުގައި ފުޓްސަލް އާއި ހޭންޑްބޯޅަ ކުޅެވޭގޮތަށް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވިގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވޮލީބޯޅަ ކޯޓެއް ހެދުމުގެ މަޝްރޫއު ހިމަނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް މިއަހަރުގެ ތެރޭގައި ތަރައްގީކުރެވިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ރައީސްގެ ވާހަކަފުލުގައި އިތުރަށް ފާހަގަކޮށްފައިވަނީ ދޮންފަނުގެ ސިއްހީ ދާއިރާ މިހާރަށްވުރެ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އެރަށު ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް އަވަސް މުސްތަގުބަލެއްގައި ހައްލެއް ހޯދުމުގެ ގޮތުން އެ މަސައްކަތްކުރުމަށް މީހުން ނުލިބޭ މައްސަލަ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ލިބުމުން އެ މަސައްކަތް ވެސް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.