އަދުގެ ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އަބަދުވެސް އޮންނާނެ ސަރުކާރެއް: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 13 އޯގަސްޓް 2025 14:07
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ރައީސް ވިދާޅުވީ ހިތާދޫގެ މަޖިލިސް މެމްބަރާއި، ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުމާއިއެކު ރަށުގެ ތަރައްގީއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް.

އަދުގެ ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އަބަދުވެސް އޮންނާނެ ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިބީދައިން ވިދާޅުވެފައި ވަނީ، އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ހިތާދޫގައި ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެރަށުގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ގޮތުން އެރަށުގައި ޑައިލިސިސް ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

އަދި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން އެރަށުގައި ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފައްޓަވައި ދެއްވާނެ ކަމަށާއި، އެ ދަނޑަކީ ހުރިހާ ވަސީލަތެއް ފުރިހަމަ ދަނޑަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން އެރަށުގައި ވޮލީ ކޯޓަކާއި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރެއްގެ އިތުރުން އައުޓް ޑޯ ޖިމެއް ވެސް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ހިތާދޫ މަގުހެދުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން ބައެއް ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް އެރަށްރަށުގެ ރައްޔިތުން ބޭނުން ވަނީ ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން ނަމަވެސް އަނެއްބައި ރަށްރަށުގެ ރައްޔިތުން ބޭނުން ވަނީ ރަށުގެ އަސްލު ގުދުރަތީ ސިފަ ނުގެއްލޭނޭހެން ރަށުގެ މަގުތައް ތަރައްގީކުރުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ރަށުގެ މަގުތައް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.

ހިތާދޫގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ މަޖިލިސް މެމްބަރާއި، ކައުންސިލާއި އަދި ރައްޔިތުންގެ އެއްބާރުލުމާއިއެކު ރަށުގެ ތަރައްގީއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%