މެންބަރު މީކާއިލްގެ ނަން އިއްވައި މަޖިލީހުން ނެރެފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 13 އޯގަސްޓް 2025 10:34
މެމްބަރު މީކާއިލް---
މެމްބަރު މީކާއިލް---
ޚުލާސާ

މީކާއިލް ބޭރު ކުރުމަށް ނަން އިއްވާފައިވަނީ ނަސޭހަތް ދިނުމަށް ފަހު. މީކާއިލް މަޖިލީހުގެ ތަޅުމުން ނެރެން ޖެހުނީ ބާރުގެ ބޭނުންކޮށްގެން.

ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ދެއްވި ޖަވާބާ މެދު ހިތްހަމަނުޖެހި އަޑުގަދަ ކުރެއްވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މިނިސްޓަރު ހަލީލު މިއަދު މަޖިލީހަށް ހާޒިރުކުރީ މީކާއިލް ކުރެއްވި ސުވާލާ ގުޅިގެންނެވެ. މީކާއިލް ސުވާލު ކުރެއްވީ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓްކުރުމަށް ރާއްޖެ ވަޑައިގެންނެވި ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ފަހަދް ސައުދުއާ ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިރު ކުރި ހަބަރު ވެބްސައިޓުން ނެގުމާ ގުޅިގެންނެވެ. މެމްބަރު ވަނީ ސައުދީގެ ޕްރިންސެއްކަމަށް ބުނެ މީހަކު އައި އައުމަކީ ސަރުކާރުން ގޯސްކޮށް ކަމެއް ކުރެވުމުން ވީ ގޮތެއްތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ ފަހަދް ސައުދު އަލްޝަލަންއަކީ ސައުދީ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލުން ކަމަށެވެ. ސައުދި އަރަބިއްޔާގައި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް" މި ލަގަބު ބޭނުން ކުރަނީ ވެރިކަން ވާރުތަވާ ފިރިހެނުންގެ ދަރިކޮޅުގެ ބޭފުޅުންނަށެވެ.

ނަމަވެސް މިނިސްޓަރާއި ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާކަމަށް ބުނެ މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. ބަދަލުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

އެކަމާއި ހިތްހަމަނުޖެހިގެން މެންބަރު މީކާއިލް ވަނީ މަޖިލީހުގައި އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. މަޖިލީހުގެ ތަޅުމުން މެންބަރު މީކާއިލް ބޭރު ކުރުމަށް ނަން އިއްވާފައިވަނީ ނަސޭހަތް ދިނުމަށް ފަހު އެވެ. މީކާއިލް މަޖިލީހުގެ ތަޅުމުން ނެރެން ޖެހުނީ ބާރުގެ ބޭނުންކޮށްގެންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%