ބ. ފުޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވަރަށް އަވަސް މުސްތަގުބަލެއްގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިބީދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފުޅަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި ހަމައެހެންމެ، ފުޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން އެރަށުގައި އެހެނިހެން އިތުރު މަޝްރޫއުތަކެއް ފެށިގެންދާނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
އޭގެތެރޭގައި، އެރަށު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި، އެރަށުގައި އާ މިސްކިތެއް ބިނާކުރުމާއި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން، ރަށުގެ ފުޓްސަލް ދަނޑު އަޕްގްރޭޑް ކުރުން ފަދަ މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މިފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބ. އަތޮޅުގެ ގިނަ ރަށްތަކެއްގެ އޭޓީއެމް ހުޅުއްވާ ދެއްވައި، އަދި ބިން ހިއްކުމާއި ޕޮލިސް ސްޓޭޝަންތަށް ގާއިމްކުރުންފަދަ މަޝްރޫއުތައް ވެސް ފައްޓަވައިދެއްވައިފަ އެވެ.