ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ތަމްރީނުކޮށް، އެފަރާތްތަކަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިބީދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު އެ އަތޮޅު ފެހެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފެހެންދޫއަށް ދިމާވެފައިވާ ދަތިތަކުގެ ތެރެއިން އެރަށުގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިޝާރަތްކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެރަށުގައި ޓީޗަރުން ހޯދުމުގައި ދަތިތަކެއް ހުރިކަމަށާއި ޓީޗަރުން ހޯދުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ފެހެންދޫގައި ގާއިމުވެ ހުންނާނެ ޓީޗަރުން ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް މި މައްސަލައަށް އަލިމަގެއް ނުފެނިއްޖެ ހާލަތެއްގައި ތަމްރީނާއި އެހީ ފޯރުކޮށްދީގެން ޓީޗަރުން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ތައުލީމީ ދާއިރާގެ އިތުރުން ފެހެންދޫއަށް ދިމާވެފައިވާ އިތުރު އެހެން މައްސަލަތައް ވެސް ހައްލުކޮށް ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފަ އެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ހަމަހަމަ އުސޫލުން ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.