ބައެއް ލޯކަލް ކައުންސލްތަކުން ތަޖުރިބާގެ ދަތުރުގެ ނަމުގައި ރައްޔިތުންނަށް ފައިދާ ނުވާނެގޮތަށް ބްލޮކް ގްރާންޓާއި ލިބޭ އާމްދަނީ ބޭނުންކޮށްގެން ދަތުރުކުރާކަމަށާއި، އެއީ ޒިންމާދާރު ގޮތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބްލޮކް ގްރާންޓާއި ކައުންސިލަށްދޭ ފައިސާއަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓުކޮށް އާމްދަނީ ހޯދުމަށާއި، މުނިސިޕަލް ހިދުމަތް ފޯރުކޯށްދިނުމަށް ބަޖެޓުން ދޭ ފައިސާކަމަށެވެ. ނަމަވެސް ފުރިހަމައަށް ޒިންމާ އަދާނުކުރާ ކައުންސިލްތައްވެސް އެބަހުރިކަމަށާއި ނުގަވައިދުން ކައުންސިލްގެ ފައިސާ ބޭނުންކުރުން ހުއްޓުވައި ޒިންމާދާރު ކުރުވަންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުން ބާރުވެރިކުރުވުމަށް މުހިންމު ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
“ކޮންމެވެސް ކައުންސިލަކުން މުޅި ކައުންސިލް އެއްކޮށް ބޭރަށް ދަތުރު. ދައުރު ނިމެނިކޮށް ދަތުރު މިކުރަނީ ތަޖުރިބާ ދަތުރުކަމަށް“ ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެފަދަ އިސްލާހެއް ގެނައީ، އަމިއްލަ ވިޔަފާރިވެރިންގެ ވިޔަފާރިތައް ހިމާޔަތްކޮށް، އެފަދަ ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި އާއްމުންކުރާ ވިޔަފާރީގެ ތެރެއަށް ކައުންސިލްތަކުން ނުވަނުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.
އަދި ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާތައް އަދާކުރުމުގައި އިހްލާސްތެރިވުމާއި އަމާނާތްތެރިވުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް ވަރަށްވެސް މުހިންމު ނިޒާމެއްކަމަށާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، ސަރުކާރާއެކު އެއްބައިވެ، ޒިންމާދާރުކޮށް ރައްޔިތުންނަށް ހިދުމަތްކުރުމުގައި ކައުންސިލްތަކުން ދެމިތިބުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ ރައްޔިތުންގެ ލާބައަށްކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާއެކު ދެމިތިބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެންދޫގެ ތަރައްގީ ފުރިހަމަކުރުމަށް 10 ވައުދެއް ވެވަޑައިގެންފައިވާނޭ ކަމަށާއި އެކަންކަމާއި އަދި އިތުރު ވައުދުތައް ފުރިހަމަކުރެއްވުމުގައި ސަރުކާރުން މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި، ރަށަށް ބޭނުންވާ ސިއްހީ، ތައުލީމީ، އަދި ކުޅިވަރުގެ މަޝްރޫއުތައް ރޭވިފައިވާ އުސޫލުގެ ދަށުން ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.