ބ. ކެންދޫ މަގުހެދުމުގެ މަޝްރޫއު ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި ބީދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ކެންދޫއަށް ވަޑައިގެން އެރަށު ސްކޫލުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި ހަމައެހެންމެ، ކެންދޫއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އަންނަ 2026 ވަނަ އަހަރު އެރަށުގައި ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނައުމަށް ހާއްސަ މަޝްރޫއުއެއް ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑުމެން މި އަންނަ އަހަރަށް ވެސް ވަރަށް މުހިއްމު އިސްކަމެއް ދީގެން ބަޖެޓު ހަދާއިރު މިގޮތަށް ހުންނަ ގެދޮރުގެ މައްސަލަތަކަށް ހާއްސަކޮށް އަޅުގަނޑު ވައުދުވެފަ ހުރި ގެދޮރުގެ މައްސަލަތައް ހައްލުކުރަން ބަޖެޓުގަ އެބަ ހިމަނަން" ރައީސް ވިދާޅުވި އެވެ.
އަދި ހަމައެހެންމެ، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އާއި ގުޅުންހުރި ވައުދުތަށް ވެސް ފުއްދަވާ ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
އަދި ކުޅިވަރާ ގުޅުންހުރި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.