ބ. ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑް ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާއިއެކު ސޮއިކޮށްފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ކެންދޫ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
އެގޮތުން އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.
ކެންދޫ ބިން ހިއްކުމާއި، ބަނދަރު އަޕްގްރޭޑް ކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބ. އަތޮޅު ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫގެ އިތުރުން މާޅޮހަށް ވަޑައިގަންނަވާނެ އެވެ. އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ބ. ކަމަދޫއަށެވެ.