ޓެކްނިކަލް މައްސަލަ ޖެހުނު ފްލައިޓު އުމްރާވެރިންނާ އެކު ރާއްޖެއަށް ފުރައިފި އެވެ.
އެނގިފައިވާ ގޮތުގައި ފުރަން ތައްޔާރުވެފައިވަނިކޮށް މައްސަލަ ދިމާވީ މޯލްޑިވިއަންގެ ފްލައިޓުގެ އިންޖީނަށެވެ. ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ޑިލޭވިކަން މޯލްޑިވިއަނުންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ދިމާވީ ކޮން މައްސަލައެއް ކަމެއް އެއާލައިނުން ހާމައެއްް ނުކުރެ އެވެ.
ހައްޖު ކޯޕަރޭޝަން ގެ މެނޭޖިން ޑިރެްކްޓަރު މުހައްމަދު ޝަކީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ފްލައިޓަށް ދިމާވި މައްސަލަ ހައްލު ކޮށް، ސައުދީ ގަޑިން 18:30 ގައި ފުރާނެ ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭގަނޑު 8:30 އެވެ.
މި ހާދިސާ އާއި ގުޅިގެން ފްލައިޓު ޑިލޭ ވެފައި ވަނީ ގާތްގަނޑަކަށް ދެ ގަޑި އިރަށެވެ.
ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ގްރޫޕެއްގެ ފަރާތުން އުމްރާއަށް ދިޔަ 750 އަށް ވުރެ ގިނަ މީހުންގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށެވެ. އެ އެއާލައިނުން ވަނީ އުމްރާ ވެރިން ގެންދިއުމަށް މާލެއިން ޖިއްދާއަށް ޑައިރެކްޓް ފްލައިޓުތައް ބާއްވައިފަ އެވެ.