ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދީފި އެވެ.
މިއަދު ހެދުނު ގާތްގަނޑަކަށް 9:45 ހާއިރު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ކެނޑިފަ އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އަދި މައްސަލަ ހައްލުކުރަން އެކުންފުނިން ވަގުތުން މަސައްކަތް ފަށައި މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނެވެ. އޭގެ ފަހުން ހުޅުމާލޭގެ ފުަރަތަމަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދީ އިތުރު ސަރަހައްދުތަކަށްވެސް ކަރަންޓު ދިނުމުގެ މަސައްކަތް އެކުންފުނިން އައީ ކުރަމުންނެވެ.
ކަރަންޓު ކެނޑެން ދިމާވީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ސްޓެލްކޯއިން ހާމައެއް ނުކުރެ އެވެ. ނަމަވެސް ގާތްގަނޑަކަށް ދެ ގަޑިއިރުގެ މެދުކެނޑުމަކަށްފަހު މިހާރު މުޅި މާލެއާއި ހުޅުމާލެއަށްވެސް ވަނީ ކަރަންޓު ދީފަ އެވެ. ކަރަންޓުގެ ހިދުމަތް ނުލިބޭ އެއްވެސް ކަސްޓަމަރެއްވާނަމަ، ސްޓެލްކޯގެ ހޮޓްލައިން 104 އަށް ގުޅުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.
މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑުމަކީ އާއްމުކަމެއް ނޫނެވެ. ނަމަވެސް މީގެ ދެ މަދުވަހެއްހާ ދުވަސް ކުރިން ވެސް މާލެ ސަރަހައްދަށް މި މައްސަލަ ދިމާވި އެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު މާލެއާއި ހުޅުމާލެއަށް ކަރަންޓު ކެނޑި ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބޭވަރުވީ ގާތްގަނޑަކަށް ފަސް ގަޑިއިރަށް ވުރެ ބޮޑުވީ ފަހުންނެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމުން ފުލުހުން އެ މައްސަލައިގެ ހާއްސަ ތަހުގީގެއް ފެށި ނަމަވެސް، ތަހުގީގުގެ ނަތީޖާ މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.