އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެއްސެއް ނޫން ކަމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް" ކިޔާ މީހާއަކީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނާތީ އެކަން ސާފުކޮށްދިނުމަށް ނެރުނު ނޫސްބަޔާނެއްގައެވެ.
އިމިގްރޭޝަނުން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ބުނާ "ސުންދަރަލިންގަމް ކޫޑަލިންގަމް" އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ.
މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އިނގިރޭސިވިލާތުގެ ކޯޓަކުން އެމީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މަޝްހޫރު ބަތަލާއަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުގައި އެމީހާއަކީ ދިވެއްސެއް ކަމަށް ބުނެފައިވީ ނަމަވެސް، އެ މީހާގެ ނަމަކީ ދިވެހިން ނަން ކިޔާ ގޮތާ އެއްވެސް ވަރަކަށް ގުޅުންވެސް ނުހުންނަ ނަމެއް ކަމަށްބުނެ ގިނަ ދިވެހިން ވަނީ އެ ހަބަރުތަކަށް ފާޑުވެސް ކިޔާފައެވެ.