ފުވައްމުލަކުގައި ރޭގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 2:40 ހާއިރު ފުވައްމުލަކު ފުނާޑު އަވަށުގަ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ އެރަށު ހުސްނުހީނާ މަގުގައި ހުންނަ އިމާރާތެއްގެ ފާރުގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅި ދަނޑިއެއްގައި ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ސައިކަލު ދުއްވަން ހުރީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަގުބައްތި ހޮޅި ދަނޑީގައި ޖެހުމުގެ ސަބަބުން އެކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ. އެކުއަޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ރޭ މެންދަމު 03:30 ހާއިރު އެކުއްޖާ މަރުވެފައިވާކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި ނިމިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ވެސް 3 މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. އަނިޔާވި 3 މީހުންގެ ތެރެއިން ސައިކަލު ދުއްވަންހުރި 17 އަހަރުގެ ކުއްޖާ ވަނީ ދުނިޔެ ދޫކޮށްފަ އެވެ.