ނުރައްކާތެރިކޮށް އުޅަނދު ދުއްވުމާއި އަނިޔާއެއް ލިބިދާނެފަދަ ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި ބިލު މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
ގާނޫނުލްއުގޫބާތަށް ގެންނަން މީކާއިލް ހުށަހަޅާފައިވާ މި އިސްލާހު ބަލައިގަންނަން ފާސްކުރީ 71 މެމްބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ ދަށުން ގާނުނުލްއުގޫބާތުގައި ކުށެއް ގޮތުގައި އިތުރުކުރާ މާއްދާއަކީ ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ކުރިމަތި ވެދާނެ ކަމާއި މެދު ފަރުވާލެއް ނެތް ގޮތަކަށް ވެހިކަލް ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެގޮތަށް ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެވެ.
މި އިސްލާހުގެ ދަށުން ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުގެ ކުށް ކަނޑައެޅުމުގައި ހިމަނާފައިވާ ބައެއް ކަންތައްތަކީ:
- އެ މީހެއްގެ ނަފްސުގެ ރައްކަލަށް ނުވަތަ މަގުތަކުގެ ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް ފަރުވާލެއް ބެލެހެއްޓުމެއްނެތި، ނުރައްކާތެރިކޮށް ދުއްވުމުގެ ގޮތުގައި ބެލެވޭނެ.
- ބާރަށް ދުއްވުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، ލައިސަންސް ނެތި ދުއްވުމާއި ގާނޫނާ ހިލާފު އެއްވެސް ގޮތަކަށް ދުއްވައިފިނަމަ އަދަބު ކަނޑައެޅުން.
- ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން ކަނޑައެޅިފައިވާ އެންމެ މަތީ ބާރުމިނަށްވުރެ ބާރަށް ދުއްވުން.
މި އިސްލާހުގެ ދަށުން ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމުގެ ކުށުގެ ދަރަޖައަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެކެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. އިސްލާހު ހުށަހަޅަމުން މީކާއިލް ވިދާޅުވިގޮތުގައި މި އިސްލާހުގެ ސަބަބުން ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ކުރިމަތި ވެދާނެ ކަމާއި މެދު ފަރުވާލެއް ނެތް ގޮތަކަށް ވެހިކަލް ދުއްވުމާއި، އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެގޮތަށް ނުވަތަ މަރުގެ ބިރު ކުރިމަތިވާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެއް ގޮތުގައި މި އިސްލާހުގެ ސަބަބުން ބަލާނެ އެވެ.
މީކާއިލް އިތުރަށް ކަންބޮޑުވުން ފާޅުކުރީ މިހާރު އޮންނަ ގޮތުން މީހަކަށް އަނިޔާއެއް ނުލިބޭނަމަ ނުވަތަ މަރުނުވާނަމަ ކުށެއްކަމަށް ނުބަލާ ކަމަށެވެ. ނަމަވެސް މި ބިލް ގެ ސަބަބުން މީހަކަށް އަނިޔާއެއް ވިޔަސް ނުވިޔަސް މީހުންގެ ފުރާނަ އަށް ނުރައްކާތެރި ވާގޮތަށް ދުއްވުމާއި، ނުބައި މަގުތަކުން ދުއްވުން ފަދަ ހުރިހާ ކަމަކަށްވެސް ވަކި އަދަބެއް ކަނޑައެޅިގެން ދާނެ ވިދާޅުވި އެވެ.