ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަނުގެ ޓާސްކް ފޯސްއިން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ހޮނިހިރު ދުވަހު ހަވީރު، މާލޭގައި ހުންނަ ކެފޭއެއް ބަލާ ފާސްކޮށް ހާއްސަ އޮޕަރޭޝަނެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. މި އޮޕަރޭޝަންގެ ތެރެއިން ދެ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެ މީހުން މިހާރުވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން އިމިގްރޭޝަނުން ދަނީ ސައްހަ ވިސާނެތި ވިޔަފާރިތައް ހިންގުމުގައި ވެސް އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން މި އަހަރުގެ މިހާތަނަށް ޖުމުލަ 7،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން ބިދޭސީންގެ އަދަދާއި އެ މީހުންގެ މައުލޫމާތު އެއްކުރުމަށްޓަކައި އެ މީހުންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުންފަދަ މުހިއްމު މަސައްކަތްތަކެއް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި ގާނޫނީ އިމުގެ ތެރެއަށް އެ މީހުން ވެއްދުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.