ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ގުޅޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންއަންނަ ވިއްސާރާގައި މިއަދު ވެސް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 18:00 އިން ފެށިގެން މާދަމާ މެންދަމު 00:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ސަރަހައްދުތަކަށް މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތަަށް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ، ވައިގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެ އެވެ. ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާއި ގުޅޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ކަނޑުދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.